ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް 29 ޕަސެންޓް އިތުރުވެފައިވާ އިރު އެއީ ތިން މަހުގެ އިމްޕޯޓް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުން މާޗް މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 644.9 މިލިއަން ޑޮލަރު ހުރި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 29 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން މާޗް މަސް ނިމުނު އިރު ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 195.6 މިލިއަން ޑޮލަރު ހުރި އިރު އެ އަދަދު ވަނީ އަހަރުން އަހަރަށް ބަލާ އިރު، 44 ޕަސެންޓް އިތުރު އަދަދަކަށްވާ އިރު މަހުން މަހަށް ބަލާ އިރު އެއީ 48 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"ދެހާސް ފަނަރަ ވަނަ އަހަރުގެ މާރިޗު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރި މިންވަރުން ފުދެނީ 3.8 މަހުގެ އިމްޕޯޓަށް،" އެމްއެމްއޭ އިން ބުންޏެވެ.

ވޭތުވެ ދިޔަ މާޗް މަސް ނިމުނު އިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމުލަ ފައިސާގެ އަދަދު 28.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ. އަހަރުން އަހަރަށް ބަލާ އިރު އެއަދަދު ދަށަށް ގޮސްފައި ވަނީ ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓްސް އިތުރުވާ މިންވަރު ދަށަށް ދިއުމާ އެކު ނެޓް ޑޮމެސްޓިކް އެސެޓްސް ދަށަށް ދިއުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.