03 May 2015, 11:28
ގިނަ ބަޔަކު ވަޅުލާފައިވާ ކަށްވަޅުތަކެއް ތައިލެންޑްގެ ޖަންގަލިތެރެއިން ފެނިއްޖެ އެވެ.
ތައިލެންޑް ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ ފެނުނު ކަށްވަޅުތަކުން މިހާތަނަށް 26 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
"... ޖުމްލަ 26 ހަށިގަނޑު ވަނީ ފެނިފައި، އެއީ 24 ފިރިހެނުންނާއި އަންހެނަކާއި ކޮން ޖިންސެއްކަން ނޭނގޭ މީހެއްގެ ހަށިގަނޑު،" ތައިލެންޑް ފުލުހުންގެ ޖެނެރަލް ޖަރުމްޕޯން ސޫރަމާނީ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައިވެ އެވެ.
ފެނުނު ކަށްތަކަކީ ތައިލެންޑްގެ ބުދުދީނުގެ މީހުންގެ އަނިޔާއިން ސަލާމަތް ވުމަށް އެގައުމު ދޫކޮށް، މެލޭޝިއާއަށް އެތެރެވުމަށް މަސައްކަތް ކުރި ރޯހިންޔާ ދަރިކޮޅުގެ މުސްލިމުން ކަމަށް ވަނީ ބެލެވިފަ އެވެ.
އިންސާނުންގެ ވަގު ވިޔަފާރި ކުރާ ބައެއްގެ ކޭމްޕެއް، ކަށްވަޅުތަކާއި ކައިރި ހިސާބަކުން ވަނީ ފެނިފަ އެވެ.
ތައިލެންޑް ސަރުކާރުން ބުނެފައި ވަނީ ޖަންގަލީގައި އެފަދަ ކޭމްޕެއް ހިންގާ ވާހަކަ ކުރިން ވެސް އަޑު އިވިފައިވާ ކަމަށެވެ. ނަމަވެސް އެތަން ހޯދަން ވަގުތުތަކެއް ހޭދަވީ އެއީ ޖަންގަލީގެ އެންމެ އެތެރޭގައިވާ ތަނަކަށް ވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.