03 May 2015, 11:10
މިމަހު 24 ގައި ފަށާ އަންހެން ޑިވިޝަން ފުޓްބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން 21 ކުޅުންތެރިންގެ ސްކޮޑަކާ އެކު ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޓީމުން ރޭ ޕްރެކްޓިސް ފަށައިފި އެވެ.
މި އަހަރުގެ މުބާރަތަށް ތައްޔާރުވުމުގެ ގޮތުން ސަންޓްރެވަލް ޓީމުން ވަނީ މިއަދު 19 ކުޅުންތެރިޔަކު ލައްވައި އެ ޓީމުގެ ކޮންޓްރެކްޓްގައި ސޮއިކުރުވާފަ އެވެ.
ސަން ހޮޓެެލްސްގެ މެނޭޖާ ޢާއިޝަތު ރަފިއްޔާ "ސަން"އަށް ވިދާޅުވީ މިއަދު އެޓީމަށް ސޮއި ކުރި ބައެއް ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމްތަކުގެ ބައެއް ކުޅުންތެރި ހިމެނޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ދެ ކުޅުންތެރިންނާ ކުރިން ގައުމީ ޓިމަށް ކުޅެފައިވާ ދެ ކުޅުންތެރިންނާ 14 އަހަރުން ދަށުގެ އަންހެން ޓީމުގެ ހަތަރު ކުޅުންތެރިން ހިމެނޭކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

ވޮމޭން ފުޓްބޯލް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ސަން ހޮޓެލްސްގެ ޓީމް ބޭއްވި ފުރަތަމަ ޕްރެކްޓިސްގެ ތެރެއިން --- ސަންފޮޓޯ/ ޢަލީ ނަޞީރު
ރަފިއްޔާ ވިދާޅުވީ 14 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކެޕްޓަންވެސް ސަންގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފަ އެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވީ އަބަދުވެސް އާ ކުޅުންތެރިން އުފެއްދުމަކީ ސަން ޓީމުގެ އަމާޒެއް ކަމަށާއި އެގޮތުން ސަން ޓީމުން އުފެއްދި އަދި އެ ޓީމުން ކެރިއާ ފެށި ބައެއް ކުޅުންތެރިން މިހާރު ވެސް އެކި ޓީމްތަކުގައި ކުޅެމުންދާ ކަމަށެވެ.
ރަފިއްޔާ ވިދާޅުވީ މިހާރު އެމްއެންޑީއެފްގެ ޓީމުގައި ސްކޮޑްގައި ސަން ޓީމުން އުފެއްދި އަދި އެޓީމުން ކެރިއާ ފެށި އަށް ކުޅުންތެރިޔަކު ކުޅެމުންދާ ކަމަށެވެ. އަދި ނިއުރޭޑިއަންޓްގެ އަންހެން ޓީމުގައި ވެސް ސަން ޓީމުން އުފެއްދި ހަތަރު ކުޅުންތެރިޔަކު ކުޅެމުންދާ ކަމަށެވެ.

ސަން ހޮޓެލްސް ޓީމްގެ ކުޅުންތެރިން ސަން ހޮޓެލްސްގެ ބައެއް އިސްވެރިންނާއެކު --- ފޮޓޯ/ ސަންޓްރަވަލް
ސަން ހޮޓެލްސްގެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުރީ މަޝްހޫރު ކުޅުންތެރިޔާ އަދި ނިއުރޭޑިއނަތްގެ ކުރީގެ އެސިސްޓެންޓް ކޯޗް އިސްމާޢީލް އަނިލްއެވެ.
ސަން ޓީމަކީ 2013 ވަނަ އަހަރު ބޭއްވި ފުރަތަމަ އަންހެން ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަން ޓީމެވެ.