03 May 2015, 11:14
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްއަށް 574 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ 28 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގައި 449.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު އެ މުއްދަތުގައި ވަނީ 574.3 މިލިއަން ރުފިޔާ ލިބިފައެވެ.
ފުރަތަމަ ތިން މަސް ދުވަހުގެ އާމްދަނީ އިތުރުވެފައިވާއިރު ހަތަރު ވަނަ މަހުން ފެށިގެން އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެހެންކަމުން އޭޕްރީލް މަހުން ފެށިގެން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެންނަ ބަދަލާ އެކު މި އަހަރު ތެރޭގައި 900 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ތަފާސް ހިސާބް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 7.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓްކުރެވުނު މިންވަރު ވަނީ 7.6 ބިލިއަނަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ކުރެވުނު އިމްޕޯޓްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވިފައި ވަނީ ކާބޯތަކެތީގެ ބާވަތްތަަކަށެވެ. ކާބޯތަކެތީގެ ބާވަތްތަކަށް 1.5 ބިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވާއިރު، ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ގެ ތެޔޮ ވަނީ އެތެރެ ކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވާ މެޝިނަރީއާއި އިލްކްޓްރޯނިކްސްގެ ބާވަތްތަކުގެ އަގު 1.1 ބިލިއަނަށް އަރަ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 16 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި 562.2 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އެމުއްދަތުގައި އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 653.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސ.ހިތަދޫ ބަނދަރުން ނިންމުނު ޑިކްލަރޭޝަންގެ އަދަދު ވަނީ 174 ޕަސެންޓް އިތުރުވެފައެވެ.