ތޫނު ހަތިޔާރާއި މާރާމަރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ ލަކުޑި ފަތިތަކާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު 4:35 ހާއިރު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުން ހައްޔަރު ކުރީ މާފަންނު ބިސްބުރު ކައިރީ ދެ މީހަކު ވަޅިއެއް ހިފައިގެން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މ. ޗެރީބެލްއާގެ ދޮރުމަތިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކުރީ އެގޭ ދޮރުމަތީ ހުއްޓައި ކަމަށާއި އަދި 21 އަހަރުގެ މީހާ ހައްޔަރު ކުރީ އެގޭ ތެރެއިން ބޭރަށް ނުކުތް ވަގުތު ފުލުހުން އޭނާއާ ސުވާލުކުރުމުން ދޮގު މައުލޫމާތުދީ އޮޅުވާލަން މަސައްކަތްކުރުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ހަށިގަނޑާއި އެ ވަގުތު އެމީހުން ތިބި ތަން ބަލައި ފާސްކުރިއިރު އެގޭ ދޮރުމަތީގައި ހުރި ވަށިގަނޑެއްގެ ތެރެއިން ކަތިވަޅިއަކާއި ވަޅިއެއްގެ އިތުރުން ކޯރާޑީއަކާއި ލަކުޑި ފަތިތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި 26 މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.