ވޮޝިންޓަން (މޭ 3) : އެމެރިކާގެ ސިފައިންގެ މުއައްސަސާ ތެރޭގައި ޖިންސީ ގޯނާ ކުރުމުގެ ކަންތައް ކަންބޮޑުވާ މިންވަރަށް ފެތުރިފައިވާ ކަމަށް އެގައުމުގެ ދިފާޢީ ވަޒީރު އެޝްޓަން ކާޓަރު ވިދާޅުވެއްޖެ އެވެ.

ކާޓަރު ވިދާޅުވީ އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާގެ ޙާލަތު އިތުރުވަމުންދާ އިރު އެޙާލަތްތައް ރިޕޯޓްކުރާ ފަރާތްތަކާ ދެކޮޅަށް އެކަން ކުރާފަރާތްތަކުން އެކި ގޮތްގޮތަށް ބަދަލުހިފުމުގެ މައްސަލަތައްވެސް ބޮޑުވަމުންދާ ކަމުގަ އެވެ. ޕެންޓަގަން އިން މިދިޔަ ހުކުރު ދުވަހު ނެރުނު 2014 ވަނަ އަހަރުގެ އަހަރު ރިޕޯޓް ބުނާ ގޮތުން އެމެރިކާގެ ސިފައިންގެ ލަޝްކަރުތަކުގައި ޖިންސީ ގޯނާކުރުމުގެ 19،000 ހާލަތެއް 2014 ވަނަ އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ.

މިއީ 2013 ވަނަ އަހަރާ އަޅާބަލާ އިރު އެގާރަ އިންސައްތަ އިތުރު އަދަދެކެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވާ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަމީހުންނަކީ ފިރިހެނުން ކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށާ އަންހެނުންގެ އަދަދު ނިސްބަތުން މަދުވަމުންދާކަން ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ ލަޝްކަރުތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ އަދަދު މައްޗަށްދާކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ފިރިހެނުން ވަނީ އަންހެނުންގެ ފަރާތުންކަން ނޫނީ ފިރިހެނުންގެ ފަރާތުންކަން ޕެންޓަގަންގެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެ އެވެ.
ޖިންސީ ގޯނާ ކުރުމުގެ ޖަރީމާތަކަކީ އެމެރިކާ ސިފައިންގެ މުއައްސަސާގައި ޒަމާނުއްސުރެ ހިނގަމުންދާ އަދި އެކަންތައް ހުއްޓުވުމުގައި އެމެރިކާގެ ހުރިހާ ސަރުކާރުތަކެއް ފޭލްވެފައިވާ ވަރަށް ނުރައްކާތެރި މައްސަލައެކެވެ.

ޕެންޓަގަންގެ ރިޕޯޓް ބުނާގޮތުން ޖިންސީ ގޯނާގެ ޝިކާރައަކަށް 10،000 އަށް ވުރެ ގިނަ ފިރިހެނުން ވެފައިވާ އިރު މިކަމުގެ ޝިކާއަރަކަށް ވެފައިވާ އަންހެނުންގެ އަދަދަކީ 8،500 އެވެ. އެމެރިކާ ސިފައިންގެ ފަރާތުން ނަގާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖިންސީ ގޯނާގެ ޙާލަތު ރިޕޯޓްކުރާ އަންހެނުންގެ ތެރެއިން 62 ޕަސެންޓް އަންހެނުންނަށް ވަނީ އެކަން ކުރާފަރާތްތަކުގެ ފަރާތުން ބަދަލުހިފުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފަ އެވެ. މިކަމުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތައް، އެމީހުންނަށް ކުރިމަތިވާ ގޯނާތައް ރިޕޯޓްކުރަން ފަސްޖެހޭ ކަމަށާއި ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާ ކުރުމުގެ ޖަރީމާތައް އަށަގެންފައިވާ ހަގީގީ މިންވަރު ދެނެގަތުމަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވެސް ޕެންޓަގަންގެ އަހަރީ ރިޕޯޓް ބުނެ އެވެ.

އެމެރިކާގެ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާ ކުރުމުގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ޓަކައި ޕެންޓަގަން އިންވަނީ އެމެރިކާގެ ބައެއް އަމިއްލަ މުއައްސަސާތަކުގެ އެހީގައި ވެސް ސާވޭތައް ކުރަމުން ގެންގޮސްފަ އެވެ. މިފަދަ ސާވޭ ތަކުން ވެސް ވަނީ ފާއިތުވި އަހަރު އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާކުރުމުގެ 19،500 ހާލަތެއް ހިމެނޭކަން ފާހަގަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)