"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ހަވީރުން ފެށިގެން ރޭގެ ނިޔަލަށް ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން 174 މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުން އޮތީ މިއަދު 2:00 އިން ފެށިގެން މިރޭ 11:00 އެހާކަންހާއިރު ވަންދެނެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އަހްމަދު އާޒިފް

މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ 187 މީހުންނެވެ. އޭގެތެރެއިން 174 މީހުންގެ ބަންދަށް 15 ދުވަސް ޖެހިއިރު ހަތް ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ޖެހީ އެންމެ މީހަކަށެވެ.

ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވިފަހުން ކޯޓަށް ގެންގޮސްފައިވާތީ 12 މީހަކު ވަނީ ދޫކޮށްލާފަ އެވެ.

މާފަނު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިބްރާހީމް ރަޝީދު މިއަދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އަހްމަދު އާޒިފް

ރޭގެ މުޒާހަރާގެތެރެއިން ބަޔަކު ވަނީ ދެ ފުލުހަކަށް ހަމަލާދީފައެވެ. އެ ދެ ފުލުހުންނަށް ފަރުވާދިނުމަށް މިހާރު ވަނީ ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.

ބަންދުގެ މުއްދަތު 15 ދުވަހަށް ޖެހި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ އާއި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ހިމެނެއެވެ.

މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ބައެއް އަންހެނުން ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މުޒާހަރާގައި ފުލުހުންގެ އަމަލުތައް ހުރީ ގާނޫނީ އުމުގެތެރެއިން ކަމަށާއި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއްކަމަށް ނުބެލެވޭނެ ކަމަށެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔައީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ބަންދާމެދު ގޮތެއް ނިންމުމަށްފަހު ފުލުހުންގެ ވެހިކަލްގައި ބައެއް މީހުން ގެނަދަނީ --- ސަން ފޮޓޯ/ އަލީ ނަސީރު