ކްރިމިނަލް ކޯޓުގައި މިއަދު ބަންދުގެ މުއްދަތު ޖެހުމަށް އިންނެވި ގާޒީއާ ދިމާލަށް "ޝުކުރިއްޔާ ތިޔަދެއްވި ރީލޯޑަށް" މިހެން ބުނި މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ ލިއޯން، އަނީލް މުފީދުގެ މައްޗަށެވެ. އޭނާ މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މުފީދުގެ ބަންދުގެ މުއްދަތު އިތުރުކޮށް ނިމުމުން ކޯޓު ރޫމުން ނިކުންނަމުން "ޝުކުރިއްޔާ ތިދެއްވި ރީލޯޑަށް" މިހެން ބުނެ އޭނާ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.