"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިއްޔެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

އެ ތިންބޭފުޅުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 15 ދުވަހަށް ޖަހައިދީފައި ވަނީ މިރޭ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ކޯޓަށް ހާޒިރުކުރަނީ --- އޭޕީ ފޮޓޯ/ ހުސައިން ސިނާން

އެބޭފުޅުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ އިއްޔެ ހަވީރު މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް މަގުފަހިވާގޮތަށް ވާހަކަދައްކަވާފައިވާތީ، މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ބުނެ އެވެ.

ފުލުހުން މިރޭ މުއްދަތު މަޖިލީހުގައި ބުނެފައި ވަނީ އެބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބި، މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ.

އެބޭފުޅުން ރޭ ހައްޔަރުކުރީ މުޒާހަރާގެ ތެރެއަކުން ނޫނެވެ. އިމްރާނާއި އަލީ ވަހީދު ހައްޔަރުކުރީ ގޭގައި ހުންނަވަނިކޮށެވެ. އަދި އަމީން ހައްޔަރު ކުރީ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި ހުންނަވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ކޯޓަށް ހާޒިރުކުރަނީ ---- އޭޕީ ފޮޓޯ/ ހުސައިން ސިނާން

އިއްޔެ ހަވީރު މުޒާހަރާގައި އިމްރާން ވަނީ މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިމްރާން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ މަގުސަދަކީ މި ގައުމަށް އޮހޮރިގެން ދިޔަ ދިވެހި ރައްޔިތުންގެ ލޭގެ ހައްގު ހޯދައިދިނުން ކަމަށެވެ. އަދި މުޒާހަރާ ނިންމާލާނީ އެކަން ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މޭޑޭ މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވެފައި ވަނީ އަތޮޅުތަކުން މީހުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު ކުރިއަށްގެންދާ ބޮޑު އެެއްވުމަކީ އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް ބޮޑު ޖިހާދެއް ކަަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ މޭޑޭގައި އިދިކޮޅު ފަރާތްތަކުން މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމާޒުތައް ހަގީގަތަކަށް ހެދުމަށް ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.