03 May 2015, 10:15
މީޑިއާއެއް އުފައްދަން ޖެހޭ މަގުސަދަކަށް ވާން ޖެހޭނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ އަގު ހުރި ހިދުމަތް ދިނުމެވެ. އެއީ އަމިއްލަ އެދުމާއި ތިމާމެންގެ މަސްލަހަތާއި ފުށުނާރާ ގޮތަށެވެ. އެއްވެސް ނުފޫޒެއް ނެތި ހަބަރާއި މައުލޫމާތު ފޯރުވުމެވެ. މިނިވަން ނޫސްވެރިކަމަކީ ވެސް އަދި ވަކި އަތަކަށް ނުޖެހި ނޫސްވެރިކަން ކުރުމަކީ ވެސް އެއީ އެވެ. އެބުނާ އަދުލުވެރި ނޫސްވެރިކަމަކީ ވެސް އެއީ އެވެ. ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އެ ބުނާ އަދުލުވެރި ނޫސްވެރިކަން ރާއްޖޭގައި އޮތް މިންވަރާއި މެދު ސުވާލުކޮށްލަން ޖެހެ އެވެ. ނޫސްވެރިކަން "މުޑުދާރު" ކަމަކަށްވާ ސަބަބާ މެދު ބަހުސް ކުރަން ޖެހެ އެވެ.
"ރިޕޯޓާސް ވިތައައުޓް ބޯޑާސް"ގެ ތަފާސް ހިސާބުތަކަށް ބަލާލާ އިރު ވޭތިވެ ދިޔަ ތިން އަހަރު ވެސް ރާއްޖެ ވަނީ ނޫސްވެރިކަމުގެ މިނިވަން ކަމުގައި އެތައް ދަރަޖައެއް ފަހަތައް ޖެހިފަ އެވެ. އެގޮތުން 2013 ވަނަ އަހަރު 103 ވަނާގައި އޮތް އިރު 2014 ވަނަ އަހަރު އޮތީ 108 ވަނާގަ އެވެ. މި އަހަރު އެ އަދަދު ވަނީ 112 އަށް ވެއްޓިފަ އެވެ. ރާއްޖޭގެ ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުގައި މި އަދަދު ދަށަށްދާ މައިގަނޑު ސަބަބަކީ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުގެ ދިގުއަތް ނޫސްވެރިކަމަށް ބޭނުމެވެ.
ރާއްޖޭގެ ނޫސްވެރިކަން "ކަސްތޮޅު" އެޅުވިފައިވާ ސަބަބަބު ވަރަށް ސާފެވެ. އެންމެ ފުރަތަމަ ވެސް ނިޔަތްގޯހީ އެވެ. ތެދު މައުލޫމާތު ފެތުރުމަކީ މަގުސަދަކަށް ވާންޖެހޭ އިރު މި ގައުމުގަ އެކަންވެފައި އޮންނަނީ ދިމާ އިދިކޮޅަށެވެ. ފައިސާ އޮތް މީހުން މީޑިއާ މިއުފައްދަނީ ސިޔާސީ ބޮޑު މަގުސަދަކަށެވެ. ތިމާޔާއި ތިމާގެ އެކުވެރިން ޕުރޮމޯޓް ކުރުމަށެވެ. ތިމާގެ ފިކުރާއި ތިމާ އެދޭ ގޮތް ހާމަ ކުރުމަށެވެ. ޕާޓީއެއްގެ ވެބްސައިޓެކޭ އެމީޑިއާއެކޭ ތަފާތެއް ނެތް ފަދަ އެވެ. އެހެން ކަމުން މީޑިއާތައް އުފަންވާއިރު ވެސް މި އޮންނަނީ އެއް ލޮލަށް ނުފެންނަ އަދި އެއް ކަންފަތައް އަޑުނީވޭ ނުކުޅެދޭ ހާލުގަ އެވެ. މިއީ އަދުލުވެރި ނޫސްވެރިކަމެއްގެ ހަލާކެވެ.
މި ގައުމުގެ ނޫސްވެރިކަމަށް އެ ހިތްދަތި ހާލު ޖެހިފައި ވަނީ ފައިސާގެ އަޅުވެތި ކަމުގައިޖެހިގެންނެވެ. ރާއްޖޭގެ ބޮޑެތި މީޑިއާތަކަށް ނަޒަރު ހިންގާލުމުން އެކަން ހާމަވާނެ އެވެ. މުޅިން ވެސް ސިޔާސީ މީހުންގެ ތަންތަނެވެ. ހަރަދު ކުރަނީ އެ މީހުންނެވެ. ނަތީޖާއަކަށް ވެފައި ވަނީ އެ މީހުން އެނބުރި "ވަހުތާނެއްހެން" މީޑިއާތައް އެނބުރެންޖެހުމެވެ. ގަލަންތައް ހިނގަނީ އެދިމަދިމާލަށެވެ.
"ކޮންމެ މީޑިއާއެއް ވެސް މި އޮންނަނީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އެހީގެ ދަށުން މީގެން އެނގެނީ އެހެންކަމުން އެ ވިޔަފާރި ވެރިއެއްގެ ނުފޫޒް އޭގައި ނޯންނާނެ ގޮތެއް އެއީ ނެތް ގޮތެއްކަން. ކޮންމެ ވެސް ސިފައެއްގައި، އެކި މީހުން އެކި މިންވަރަށް ފޯރުވާނީ، އެ ނުފޫޒާ އެކު މުޅި މީޑިއާ އެބަދޭ ބަދަލުވަމުން، އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ހާލަތަކަށް ރާއްޖޭގެ ބުރޮޑްކާސްޓިން މީޑިއާތައް މި ދަނީ ބަދަލުވަމުން،" ބްރޯޑްކާސްޓިން މީޑިއާގެ ދާއިރާގައި 24 އަހަރު ހޭދަކުރި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވި އެވެ.
ކަމެއް ހިނގިގޮތެއް އެނގޭނީ ދެ ތިން ނޫހަކުން އެ ހަބަރެއް ކިޔުމުން ކަމަށް ބުނާ މީހުން މަދެއް ނޫންނެވެ. މުޅިއަކުން އެއީ ދޮގެކޭ ބުނެވޭކަށް ނެތެވެ. ކަމެއްގެ ހަތަރު ފަރާތް ނުވަތަ ފަސް ކާފާއެކު ހަބަރެއް ގިނަ ފަހަރަށް ގެނެސްދޭ ތަން ފެންނަނީ މަދުފަހަރެއްގަ އެވެ. އެކަން އެގޮތަށް ނޫސްވެރިންނަށް ކަމުގެ ހަގީގަތް ނޭނގޭތީއެއް ނޫނެވެ. އެނގުނު ނަމަވެސް ފައިސާ ހަރަދު ކުރާ ފަރާތުގެ ދިގު އަތުގެ ސަބަބުން އެކަން ހާމަ ކުރެވެން ނެތުމުންނެވެ. މީޑިއާއެއް ހިންގުމަކީ ބޮޑު ހަރަދަކަށްވާ އިރު ހެޔޮ ނިޔަތުގައި އެކަން ކުރާނެ ފަރާތްތައް މަދެވެ.
މިސާލަކަށް ރާއްޖޭގެ ނަން މަޝްހޫރު ޓީވީ ޗެނަލްއަކަށް ބަލާލާނަމެވެ. އެޗެނަލްގެ މުއައްޒިފުންގެ މުސާރައަށް މަހެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާ ހަރަދުވާއިރު ސެޓްލައިޓްފީއަށް 11000 ޑޮލަރު ހަރަދުވެ އެވެ. ކަރަންޓާއި ފެނާއި ފޯންބިލަށް މަހެއްގެ މައްޗަށް 120،000 ރުފިޔާ ހަރަދުވާއިރު އިމާރާތުގެ ކުއްޔަށް 240،000 ރުފިޔާ ހަރަދުވެ އެވެ. އެހެންކަމުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް އެ ސްޓޭޝަން ހިންގުމަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. އިސްތިހާރާއި އާމްދަނީގެ ގޮތުގައި ލިބެނީ އެއް މިލިއަނެއްހާ ރުފިޔާ އެވެ. ބާކީ ބައި ދައްކައިދެނީ ވިޔަފާރިވެރިޔާ އެވެ.
"މިނިވަން ކަމަކީ އެއްވެސް ނުފޫޒެއް ނެތި އެކަން ކުރެވޭނެ ގޮތެއް ވުން، މިހާރު މީޑިއާއަށް އެންމެ ބޮޑަށް ބޭނުންވާ އެއްޗަކީ ފައިސާ، ވަރަށް ހަރަދު ބޮޑު ވަސީލަތެއް ކުރިއަށް މި ގެންދަނީ. ބްރޮޑްކާސްޓިން ހާއްސަ ގޮތެއްގައި، އެއީ އޮންލައިން ވިޔަސް، ކޮންމެ މީޑިއާއެއް ވިޔަސް، އެ ފައިސާ ލިބޭނެ ގޮތްތަކެއް ނެތި މިނިވަންކަމާ އެކު އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" މުންދު ވިދާޅުވި އެވެ.
ރާއްޖޭގެ މީޑިއާތަކަށް ފައިސާ ލިބޭ އޮންނަނީ މަދު ވަސީލަތްތަކެކެވެ. އޭގެ ތެރެއިން އެއްކަމަކީ ވިޔަފާރުވެރިޔާ އެވެ. ދެން އޮންނަނީ ކުންފުނިތަކުންދޭ އިސްތިހާރެވެ. އެ އިސްތިހާރު ވެސް ގިނަ ފަހަރަށް ދޭނީ އެ ކުންފުނިތަކާ ދެކޮޅަށް އެއްޗެއް ލިޔުން މަނާކޮށްފަ އެވެ. ދެން މިނިވަން ކަމެއް ކޮބައިތޯ އެވެ؟
މީޑިއާތަކުގެ ބަސްމަގު ހަޑިވެ ގޭގޭ ސިޓިން ރޫމްތަކުގައި ހަބަރު ނުބެލޭ ހިސާބަށް ކަންކަން ދިޔައީ މިހެންވެގެން ނޫންތޯ އެވެ؟ ތެދު މައުލޫމާތު ހާމަ ނުކުރެވެނީ މިހެންވެގެން ނޫންތޯ އެވެ؟ ނޫސްވެރިޔާ ކިތަންމެ ބޭނުން ވިޔަސް އެއްފަރާތަށް މާ ބޮޑަށް އަރިއަޅާ ހިސާބަށް ދަނީ މިހެވެގެން ނޫންތޯ އެވެ؟ މިކަމަށް ހައްލެއް ބޭނުންވެ އެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން މިސާލު ލިބިގަނެ އަމަލުކުރަން ވެއްޖެ އެވެ.
އެމްއެމްސީގެ ރައީސް ވިދާޅުވި ގޮތުގައި މީޑިއާއަށް ފައިސާގެ އަޅުވެތި ކަމުން ސަލާމަތްވުމަށް އިންވެސްޓުކުރެވޭނެ ދިމާލެއް ދައްކަން ޖެހޭ ކަމަށެވެ. ހަމައެއާއެކު މީޑިއާތަކަށް ދައުލަތުގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ވެސް މުންދު ވިދާޅުވި އެވެ. ހަމައެއާ އެކު ބްރޮޑްކާސްޓަރުންގެ އަތުން ނަގާ ފީތައް ކުޑަކޮށްދިނުމަކީ ވެސް ކުރަން ވަރަށް މުހިންމު ކަމެއްކަން މުންދު ފާހަގަކުރެއްވި އެވެ. އެކަން ކުރުމަށް އެތައް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އަދި އެކަމުގެ އަލިމަގެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ނުފޫޒް ކެނޑުވޭނެ ގޮތަކީ ދާއިމީ ގޮތެއްގައި އަޅުގަނޑުމެންނަށް ފައިސާ ލިބޭނެ މެދުވެރިވުން، އެއްގޮތަކަކީ ދައުލަތުން އެ ކަމަށްޓަކައި މި ދެއްނެވީ ދައުލަތުގެ މީޑިއާއަށް ދޭ އުސޫލުން ނޫން ނަމަވެސް އެހެން އުސޫލަކުން އަޅުގަނޑުމެންނަށް ފައިސާ ލިބޭނެ އެހެން ގޮތެއް އޮތުން،" މުންދު ވިދާޅުވި އެވެ.
ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާލުވި ގޮތުގައި ބުރޮޑްކާސްޓުކުރުމަކީ ބޮޑު ހަރަދަކަށް ވާއިރު ރާއްޖޭގެ ހާލަތު ހުރި ގޮތުން ޕުރޮޑަކްޓް ވިއްކާލުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އެހެންކަމުން ރާއްޖޭގައި މީޑިއާއަކަށް ބޮޑު ހަރަދެއްކޮށްގެން އެ އިންވެސްޓް ކަވަރު ކުރުމަކީ ވަރަށް ދަތިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮފެޝަނަލްކޮށް ނޫސްވެރިކަން ކުރާ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ގިނަ ގައުމުތަކުގައި މީޑިއާތަކަށް ފަނޑު ކުރަނީ މުއްސަނދިންނެވެ. އެ މީހުންގެ މަސްލަހަތުތަކެއް ވެސްވެ އެވެ. ނަމަވެސް އެ މީހުން އެނުފޫޒު ފޯރުވުމުގައި ބޮޑު ލިމިޓެއް ގެންގުޅެ އެވެ. ޑިމޮކުރަޓިކް އުސޫލްތައް ގަބޫލްކުރެ އެވެ. ކޮންމެ ކަމަކަށް އަތްބޭނުމުގެ އުސޫލްތައް ދޫކޮށްލަ އެވެ. އެ ގައުމުގެ މީޑިއާތައް ކުރި އަރައި ރައްޔިތުން ބަލައިގަންނަ ފަދަ ހިދުމަތެއް ދެވޭ ސަބަބަކީ އެއީ އެވެ.
"އެ ގައުމުތަކުގައި ވެސް ނުފޫޒް ފޯރުވާ، އެކަމަކު އެއީ ޑިމޮކުރަޓިކް އުސޫލްތަކުގެ މަތިން، އެއްވެސް ގޮތަކަށް މި ރާއްޖޭގައި ކަން މިކުރާ ގޮތަކަށް ނޫން، ކޮރަޕްޝަނާއި ފަސާދާގެ ކަމެއް ހިނގާ ނަމަ އެ މީހުން އެކަމެއް ރިޕޯޓް ކުރާނެ، ރާއްޖޭގައި ވަކި މީހެއްވިއްޔާ އެވަނީ ޒާތީ ކަމަކަށް،" ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަން ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ މީޑިއަމްތަކަށް، ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެއްބަޔަކު ހައްދެއް ނެތި އެ ނުފޫޒު ފޯރުވާ އިރު އަނެއް ބަޔަކު ހައްދެއްގެ ތެރޭގައި އެކަން ކުރެ އެވެ. އެކަމަކު ދިވެހި ނޫސްވެރިކަމަށް ދިމާވެފައިމިވާ "ޕަޕެޓް" އުސޫލް ނުވަތަ ނޫސްވެރިންގެ ކަސްތޮޅުން އެޅުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކަށް ވާނީ ނޫސްވެރިކަން ކުރާ ތަންތަނަށް ފަނޑު ކުރާނެ އުސޫލްތަކެއް ހަމަޖެހިގެން ދިއުމެވެ. މިނިވަން ކަމާ އެކު ފައިސާ ލިބޭނެ ގޮތެއްނެތި ދިވެހި ނޫސްވެރިކަމަށް މިނިވަން ކަމެއް ނެތެވެ. ހަމައޮތީ ހުތުރު ނޫސްވެރިކަމެވެ.