02 May 2015, 22:28
ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށާއި ޑިމޮކްރަސީ އަށް މިއަދު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްއެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާ އަށް ކުރައްވަަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކެރީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި ގިނަ ރައްޔިތުންތަކެއް އެއްވެ އިއްޔެ ކުރި މުޒާހަރާގައި 200 މީހުން ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ހެއްކެއް ކަމަށެވެ.
"ޑިމޮކްރަސީ އަށް އައިސްފައިވާ ގޮންޖެހުންތައް ފެންނަމުން މިދަނީ ކުރީގެ ރައީސް ނަޝީދު ގާނޫނީ އިޖުރާއަތުތަށް ފުރިހަމަނުކޮށް ބޭއިންސާފުން ޖަލަށް ލާފައި. އަވަސް ހައްލެއް ބޭނުންވޭ،" ކެރީ ވިދާޅުވި އެވެ.
ރޭގެ މުޒާހަރާގައި 200 މީހުން ހައްޔަރު ކުރިކަން ކެރީ ފާހަގަކޮށްފައިވީ ނަމަވެސް ފުލުހުން ބުނެފައި ވަނީ ރޭގެ މުޒާހަރާގައި ހައްޔަރު ކޮށްފައި ވަނީ 193 މީހުން ކަމަށެެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި މައްސަލައާ ގުޅިގެން ނަޝީދުގެ މައްޗަށް ހިނގައި ދިޔަ ޝަރީއަތުގެ ކަންބޮޑުވުންތަކާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވަނީ ކެރީއާއި ބައްދަލުކުރައްވާ ހިއްސާކުރައްވާފަ އެވެ.