02 May 2015, 20:43
ަ"އަނިޔާވެރިކަން ނިންމަން" އެނަމުހައި އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާ ކުރި މީހުން ހޯދަން ދެވަނަ ޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.
ކުރިން އާންމުކޮށްފައިވާ ވީޑިއޯ އެކޭ އެއްގޮތަށް މިރޭ އާންމު ކުރި ވީޑިއޯއިން ވެސް ފެންނަނީ މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލާ މަންޒަރެވެ. އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
އެ ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ރައްޔިތުންގެ ކިބައިން ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހަކަށް އަނިޔާކުރި މީހުން ހޯދަން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ 35 އަހަރުގެ މީހަކު އެ މައްސަލައިގެ ތުހުމަތުގައި މިއަދު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ރޭގެ މުޒާހަރާގައި އަނިޔާތަކެއް ލިބުނު ދެ ފުލުހުންނަށް އިތުރު ފަރުވާދިނުމަށް މިހާރު ވަނީ ރާއްޖެއިން ބޭރަށް ފުރުވާލާފަ އެވެ.