25 Feb 2011, 10:34
ލ. އިސްދޫ، ކަލައިދޫ އަވަށުގެ މީހުން އާބާދު ކުރާ ސަރަހައްދުގައި އޮންނަ ވަލުތެރޭ ރޯވި އަލިފާންގަނޑު ނުވަ ގަޑިއިރު ފަހުން ނިއްވައިލައިފި އެވެ.
އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް އަބުދުﷲ ސައީދު މިއަދު ވިދާޅުވީ، އެ ސަރަހައްދުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 11:15 އެހާކަންހާއިރު ކަމަށާއި އެ އަލިފާންގަނޑު ނިއްވާލެވުނީ އެ ސިފައިންނާއި ފުލުހުންނާއި އަދި އާއްމުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 8:00 ޖަހަން އުޅެނިކޮށް ކަމަށެވެ.
އެ އަތޮޅު ކައްދޫގައި ތިބި އެމްއެންޑީއެފްގެ ސެންޓްރަލް ސިފައިން އަލިފާންގަނޑު ނިއްވާލުމަށް އެހީވުމަށް ރޭ އެރަށަށް ދިޔަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ވަރަށް ވާ ބޯ ޖަންގައްޔެގައި ކަމަށް ވާތީ އެސަރަހައްދާ ކައިރި ވާން ވެސް ވަރަށް އުނދަނގޫވި ކަމަށެވެ.
އޭނާ ވިދާޅުވީ، ވަލުތެރޭގެ ވަރަށް ބޮޑު ބައެއް އަނދާހުލިވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އެ ސަރަހައްދުގައި މީހުން ހައްދައިފައިވާ ދަނޑުބިންތަކާ ހަމައަށް ވެސް އަލިފާނުގެ އަސަރު ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ، އެ އަލިފާންގަނޑު ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެ ހާދިސާ ތަހުގީގުކުރަމުންދާ ކަމަށެވެ.
"މީގެ ކުރިން ވަލުތެރޭ މީހުން ގަސްތުގައި ރޯކޮށްފައި އެބަހުރި. އެހެންނަމަވެސް، މިފަހަރު އަލިފާން ރޯވި ސަބަބެއް އަދި ނޭގޭ،" ސައީދު ވިދާޅުވި އެވެ.