02 May 2015, 18:21
'އަނިޔާވެރިކަމާ ނިންމަން' ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާއާ "ތޮޅިއަށްވެ،" މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ އުފުލެވި އަދާލަތު ޕާޓީގެ ރައީށް އިމްރާން އަބްދުﷲ "ގޮޅި"އަށް ލައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޑައިގަންނަވަނީ ކުރިއަށް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމާއި އެމްޑީއޭގެ ޖޮއިންޓް ޕާލިމެންޓްރީ ޕްރޫޕުން މުލީއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްރުއްރަހީމް އަބްދުﷲ ވިދާޅުވީ "މުޒަހަރާ ދިއައީ ތޮޅިއަށް، އިމްރާން ދިއައީ ގޮޅި އަށް، ރައީސް ޔާމީން ވަޑައިގަންނަވަނީ ކުރިއަށް" ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ އަބަދުއްރަހީމް ވަނީ އިމްރާން އަކީ 'ވަބާ'އެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި ރޭގެ ހަރަކާތުން ފެނިގެން ދިއައީ ރައީސް ޔާމީނުގެ ސާބިތުކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރޭގައި ސަލާމާތީ ބާރުތަކުގައި ހުރި ކެތްތެރިކަން ފެނިވަޑައިގެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މުޒާހަރާގައި ހަމަނުޖެހުން އުފައްދަން އިމްރާން އަބްދުﷲ މަސައްކަތްކުރެއްވި ކަމަށެވެ. އަދި "ކޮންޓްރެކްޓް އުސޫލުން މިކަން ކުރި އިމްރާން ވަނީ ބަޔަކު ޗާޖްކޮށްފައި [ފުލުހުންނާ ކުރިމަތިލުމަށް] ފޮނުވާފައި" ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.
ރޭގެ މުޒާހަރާ ކުށްވެރި ކުރައްވައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ބޭރުގެ އޮބްޒާވަރުންނަށް ވެސް ފެނުނު ކަމަށެވެ. އަދި ނިހާން ވިދާޅުވީ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި ބައެއް ފަރާތްތަކުގެ އާއިލާ އިން އެހީތެރިކަމަށް އެދެމުންދާ ކަމަށާއި އެހެންނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ.
"ކޮބައިތޯ އެމީހުން މާލެ ގެނައި މީހުން، ކޮބައިތޯ މަގުމައްޗަށް ނެރުނު މީހުން،" މުޒާހަރާ އިސްފަރާތްތަކަށް އިޝާރަތްކުރައްވައި ނިހާން ވިދާޅުވި އެވެ.
އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނިހާން ވިދާޅުވީ "ރޮއި ގިސްލައި ކުރާ ދުއާގެ އަގަކީ ކިހާވަރެއްތޯ އަހާލަން ބޭނުން" ކަމަށެވެ. އަދި އިމްރާން ރައްޔިތުންނަށް ކުރައްވަނީ އަނިޔާ ކަމަށް ނިހާން ވިދާޅުވި އެވެ.
ފުލުހުންނަށް ކުރި އަނިޔާ ސޯޝަލް މީޑިއާގައި ފާހަގަ ކުރި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާ ދޭތެރޭ ސަމާލުވެވަޑައިގަންނަވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ފާޅުކުރާ ޚިޔާލަކުން މީހަކު ވަޒީފާ އިން ވަކި ކުރުމަށް މި ސަރުކާރުން ތާއީދުނުކުރާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އެހެން ނަމަވެސް ހަމަނުޖެހުމަށް ހިތްވަރު ދިނުމަކީ ގާނޫނީ ކުށެއް ކަމަށް ކަން ނިހާން ފާހަގަކުރެއްވި އެވެ.
މިހާތަނަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ނިންމަވާފައިވާ ކޮންމެ ކަމެއް ވެސް ނިންމަވާފައި ވަނީ ޕާލިމެންޓް ގްރޫޕްގެ މަޝްވަރާގެ މަތިން ކަމަށް ނިހާން ވިދާޅުވި އެވެ. "ޕާލިމެންޓްރީ ގްރޫޕް އޮތީ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި" ކަަމަށް ނިހާން ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ޕާލިމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.