ފުލުހުން އަސޭމިރުސް ސްޕްރޭ ކުރަނީެއެެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އިއްޔެ ފާހަގަ ކުރި މޭޑޭ މުޒާހަރާގައި ފުލުހުންނާއި މުޒާހަރާ ކުރި މީހުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ަނިއުސް އެޖެންސީ، ރޮއިޓާސް އިން ބުނީ މުޒާހަރާ ކުރި މީހުންނާ ފުލުހުން ކުރިމަތިލީ ސްޓަން ގްރަނޭޑާއި އަސޭމިރުސް ސްޕްރޭއާ އެކު ކަމަށެވެ.

އޯކްލޭންޑާއި ކެލިފޯނިއާ އާއި އަދި ބައެއް ސިޓީތަކުގައި ކެޕިޓަލިސްޓުންނާ ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގަލާއި ރެންޗު ފަދަ ތަކެތީން ހަމަލާތައް ދިން ކަމަށް ފުލުހުން ބުންޏެވެ.

މުޒާހަރާ ކުރީ، ހަތިޔާރު ނެތް ކަޅު ނަސްލުގެ އެތައް މީހަކު މަރާލާފައިވުމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ފުޓޭޖުތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ފިހާރަތަކުގެ ކުދި ދޮރުތައް ތަޅައި ސުންނާފަތިކޮށްފަ އެވެ. އަދި ފުލުހުންނާ ކުރިމަތިލާފައި ވަނީ ޒާތްޒާތުގެ "ހަތިޔާރާ"އެކު އެވެ. އަދި މުޒާހަރާ ކުރި މީހުން ވަނީ ކުނިތަކުގައި ރޯކޮށް ދެ ޑަޒަނަށް ވުރެ ގިނަ ވެހިކަލް ހަލާކުކޮށްލައިފަ އެވެ.

"މިއީ މުޒާހަރާއެއް ނޫން، މިއީ ރަޔަޓާ އެކު ކުރިމަތިލުމެއް،" ފުލުހުން ބުންޏެވެ.

އެ މުޒާހަރާގައި ތިން ފުލުސް އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 16 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ދުވާލުގެ މުޒާހަރާ އަށް ފަހު އެތައް ސަތޭކަ ބަޔަކު ވަނީ ރޭގަނޑު އޯކްލޭންޑްގެ މަގުތައް މަތީގައި ދުވެ އުޅެފަ އެވެ.

ސަތޭކަ އަށް ވުރެ ގިނަ ފިހާރަ، ރެސްޓޯރަންޓް، އަދި ބޭންކް ފަދަ ތަންތަނުގެ ކުޑަ ދޮރުތައް ވަނީ ތަޅައި ސުންނާފަތިކޮށްފަ އެވެ. އަދި އެތައް ބަޔަކު ރޭގަނޑު ހައްޔަރުކޮށްފަ އެވެ.

ޕޯޓްލޭންޑްގައި ފުލުހުންނާ ދިމާ އަށް އެއްޗެތި އުކި މީހުންނާ ދިމާލަށް އަސޭމިރުސް ސްޕްރޭ އާއި ފްލޭޝްބޭންގު ވަނީ ރައްދުދީފަ އެވެ.