02 May 2015, 19:42
އިނގިރޭސިވިލާތުގެ ޕްރިންސްވިލިއަމް އާއި ޑަޗަސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން އަށް އަންހެން ދަރިކަނބަލަކު ލިބިވަޑައިގެންފި އެވެ.
އިނގިރޭސި ވިލާތުގެ ނޫސްތައް ބުނާ ގޮތުން ކޭޓުގެ އަންހެން ދަރިފުޅު އުފަންވެފައި ވަނީ މިއަދު ހެނދުނު 8:34 ގަ އެވެ. ކެންސިންގޓަން ޕެލަސްއާ ހަވާލާދީ އިނގިރޭސި ނޫސްތަކުގައި ބުނެފައި ވަނީ ދަރިފުޅުގެ ބަރުދަނުގައި 3.7 ކިލޯ ހުރި ކަމަށާއި ކޭޓް އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ކޭޓްގެ ދެވަނަ ދަރިފުޅު ވެސް ވިހާފައިވަނީ ފުރަތަމަ ދަރިފުޅު ޕްރިންސް ޖޯޖުވެސް އުފަންވެ ވަޑައިގެންނެވި ލަންޑަންގެ ސެއިންޓް މޭރީ ހޮސްޕިޓަލުގަ އެވެ. އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ޕްރިންސް ޖޯޖު އުފަންވެ ވަޑައިގަތީ 2013 ވަނަ އަހަރު އެވެ.

ޕްރިންސްވިލިއަމް އާއި ކޭޓްއަށް އަންހެން ދަރިކަނބަލަކު ލިބިވަޑައިގަތުމާއި ގުޅިގެން އިނގިރޭސި ވިލާތުގައި އުފާފާޅު ކުރަނީ:ފޮޓޯ--ޑެއިލީމެއިލް
ޝާހީއާއިލާ އަށް އާ މެމްބަރަކު އިތުރުވި ހަބަރާ އެކު، ސެއިންޓް މޭރީ ހޮސްޕިޓަލުގެ ބޭރުގައި ކެތްތެރިކަމެއް ނެތި އެ ދަރިފުޅަށް އިންތިޒާރު ކުރަމުން ދިޔަ އިނގިރޭސީވިލާތުގެ މީހުން ވަނީ އުފާފާޅުކުރަން ފަށައިފަ އެވެ. އަދި އެ ދެމަފިރިންނަށް މަރުހަބާ ވިދާޅުވެ އެގައުމުގެ ރައީސް ކެމެރަން ވެސް ވަނީ ޓުވީޓުކުރައްވާފަ އެވެ.
ޕްރިންސްވިލިއަމް އާއި ކޭޓްގެ ދެވަނަ ދިރފުޅު އުފަންވެފައި މި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ވެސް އުފަން ދުވަހު އެވެ.