02 May 2015, 16:10
'އަނިޔާވެރިކަން ނިންމުމަށް' ކަމަށް ބުނެ އިއްޔެ ކުރި މުޒާހަރާގައި ލީޑާޝިޕްގެ ބޭފުޅުން ފިއްލަވާފައި ނުވާނެ ކަމަށާއި މުޒާހަރާ ކުރިއަށް ގެންދިއައީ ޕްލޭނަކާއި އެއްގޮތަށް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އިބުރާހިމު މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިބޫ ވިދާޅުވީ މުޒާހަރާގެ ބައިވެރިން ވިއްސިވިހާލި ވެގެން ނުދާ ކަމަށެވެ.
" ލީޑާޝިޕް އެކީގައި މަޝްވަރާކުރެވުމުން އަބަދުވެސް ދިއައީ. އަޅުގަނޑުމެން އެއްމެން އެތާ ތިބިން. އަލީ ވަހީދާއި އިމްރާނާއި ތިބީ އަޅުގަނޑުމެންނާއި އެކީގައި، އެކުރައުޑްގައި ތެރޭގައި ނޫނަސް" އިބޫ ވިދާޅުވިއެވެ.
އެ ބޭފުޅުން ދިއައީ ކުރަންޖެހޭ ކަމެއް އަންގަމުން ކަަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި 'އަނިޔާވެރިކަމާއި ދެކޮޅު ހަރަކާތް' އަދިވެސް ކުރިއަށްދާނެ ކަަމަށް އިބޫ ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވަނީ ޕޮލިސް އިންޓެގްރަޓީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަދި ރައީސް ޔާމީނާއި މަޝްވަރާ ކުރުމަށް އަދިވެސް ތައްޔާރަށް ތިބި ކަަމަށް މަހުލޫފް ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ ރޭގަ މުޒާހަރާގައި އެ ޕޭޓީގެ ޗެއާޕާސަން އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އާއި އިތުރު 193 މީހުން ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
އަދާލަތު ޕާޓީ އިސްވެ އޮވެ ރޭގަ މާލޭގައި ކުރި މުޒާހަރާގައި ވަނީ މުޒާހަރާ ކުރި ފަރާތްތަކާއި ފުލުހުންގެ ދެ މީހަކަށާއި ބައެއް އާންމުންނަށް އަނިޔާވެފައެވެ.