ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ (އެޗްޑީއެފްސީ) މިދިއަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 54.89 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަންގެ އަހަރީ ހިސާބުތަކުން ދައްކައިފި އެވެ.

ދެހާސްތޭރަ ވަނަ އަހަރު އެ ކޯޕަރޭޝަނުގެ ސާފު ފައިދާ އަށް ލިބިފައި ވަނީ 50.93 މިލިއަން ރުފިޔާއެވެ. އެހެންކަމުން 2014 ވަނަ އަހަރުގެ ސާފު ފައިދާ 2013 ވަނަ އަހަރަށް ވުރެ އަށް ޕަސެންޓް އިތުރު އަދަދެކެވެ. އެ ކޯޕަރޭޝަނުން ލޯނާއި އެޑްވާންސް ފައިސާގެ ގޮތުގައި ވަނީ 941.49 މިލިއަން ރުފިޔާ ކަސްޓަމަރުންނަށް ދޫކޮށްފަ އެވެ. މިއީ 2013 ވަަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެޗްޑީއެފްސީ އިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކޯޕަރޭޝަނަށް ވަނީ 13.54 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އެ ކޯޕަރޭޝަނުގެ އިސްލާމިކް ވިންޑޯ، އަމްނާ، އަށް ވަނީ ސާފު ފައިދާގެ ގޮތުގައި 692540 ރުފިޔާ ލިބިފައިވެ އެވެ.

އެޗްޑީއެފްސީގެ އަހަރީ އާއްމު ޖަލްސާ ބާއްްވަން ނިންމާފައި ވަނީ މި މަހު ފަހުކޮޅު ކަމަށް އެޗްޑީއެފްސީގެ އޮފިޝަލަކު 'ސަން' އަށް މައުލޫމާތުދެއްވިއެވެ. އެޗްޑީއެފްސީގެ އަހަރީ ރިޕޯޓްގައި އެ ކޯޕަރޭޝަންގެ ޗެއާމަން ކޮންރަޑް ޑިސުޒާ ވިދާޅުވެފައި ވަނީ ފާއިތުވި ދިހަ އަހަރު ކުންފުނިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ކޮންރަޑް ވިދާޅުވިއެވެ. އެޗްޑީއެފްސީ ގެ މެޖޯރިޓީ ހިއްސާދާރަކީ 49 ޕަސެންޓް ހިއްސާ ކުރާ ދިވެހި ސަރުކާރެވެ. އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން 18 ޕަސެންޓް ހިއްސާ އަދި އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓް ލިމިޓެޑުން 15 ޕަސެންޓް ހިއްސާ މި ކޯޕަރޭޝަނުގައި ވެއެވެ.