މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ޑޭޒީމާގޭ އައިމިނަތު ފާއިޒާ މިއަދު އަހަވާރަ ވެއްޖެ އެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 87 އަހަރުގަ އެވެ. ފާއިޒާ އަވަހާރަވީ ސްޓްރޯކެއް ޖެހި ހާލުކޮޅު ސީރިއަސް ވެ އައިޖީއެމް އެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 6:5 ގަ އެވެ. ފައިޒާގެ ދަރިކަލުން މުހައްމަދު ހިލްމީ މިއަދު ވިދާޅުވީ މަންމާފުޅު ވަރުފުޅު ނެތިގެން ހޮސްޕިޓަލަށް ގެންދިޔައީ ބުދަދުވަހު އިރުއޮއްސުނު އިރު ކަމަށާއި މިއަދު ހެނދުނު އަވަހާރަވީ ކްރިޓިކަލް ހާލަތެއް އޮންނެވުމަށް ފަހު ކަމަށެވެ. "ބުދަ ދުވަހު މަންމާފުޅުގެ ގައިން ވަރުފުޅުނެތުމުން ހޮސްޕިޓަލަށް ގެނަނީ. ވަރަށް ކްރިޓިކަލް ސްޓޭޖެއްގައި އޮންނެވި ގޮތަށް މިއަދު އިތުރު ބަދަލެއް ނައިސް އަވަހާރަވީ." ހިލްމީ ވިދާޅުވި އެވެ. އަވަހާރަވުމަށް ފަހު ފާއިޒާގެ ހަށިގަނޑުގަނޑު ހެނދުނުން ފެށިގެން ބާއްވާފައި އޮތީ އާސަހަރާގަ އެވެ. އެކަމަނާގެ މޫނުފުޅު ދުށުމަށް ވަރަށް ވަރަށް ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރުގެ އިތްޒަތްތެރިންނާއި ވެރިންން މިއަދު ވަޑައިގަތެވެ. ދަރިކަލުން ހިލްމީ ވިދާޅުވީ މަންމާފުޅުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ. އިޝްގީ ޅެންް ހެއްދެވުމުގައި އާދަޔާ ހިލާފު ކުޅަދަނާކަމެއް ލިބިވަޑައިގެންފައިވާ ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 ސެޕްޓެމްބަރު 1924 ގައި ގ. ބޮޑުފެންވަޅުގޭގަ އެވެ. ބައްޕަ އަކީ އަލްމަރުޙޫމް ޔޫސުފް މޫސާ، ބެރުގޭ ޔޫސުފް ފުޅެވެ. މަންމައަކީ ބޮޑުފެންވަޅުގޭ ދޮންދީދީ އެވެ. އުމުރުފުޅުން 86 އަހަރުފުޅުގެ ފާއިޒާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ މުތަގައްދިމް ޕާޓީގެ އިސްތިޝާރީ ކޮމިޓީގެ މެމްބަރު ކަމުގެ އިތުރުން ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އުފެއްދެވި ދިވެހި ޅެންވެރިންގެ ބަގީޗާގެ ތެރެއިން އުފެދިގެން އައި ކުޅަދާނަ އާދަޔާހިލާފު ޅެންވެރި އެކެވެ. ޅެންވެރިކަމުގައި އޭނާއަށް ނިސްބަތް ކުރަނީ ޑޭޒީމާގެ ނަމުގައެވެ. އުމުރުފުޅުން 20 އަހަރުގައި ޅެން ހައްދަން ފެއްޓެވި ފާއިޒާ އަކީ މަދަރުސަތުއް ސަނިއްޔާގެ ނާޒިރާގެ ނައިބު ކަމާއި ސަނިއްޔާގެ މުދައްރިސާ ކަމާއި ދިވެހި ބަހާ އަދަބަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ މެންބަރުކަމާއި އެމަޖިލީހުގެ އެހިތެރިޔާ ކަން ކުރެއްވެވި ބޭކަނބަލެކެވެ. ފައިޒާގެ ތިން ތިން ބޭފުޅުން ތިއްބަވަ އެވެ. އެއީ މުހައްމަދު ހިލްމީ އާއި އަހުމަދު އައްބާސާއި އާމިނަތު އައްބާސެވެ.