ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާއި ގައުމުގެ މަސްލަހަތު އިސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެގެ މުޒާހަރާގައި ފާހަގަކުރެވުނު ކަންކަމަށް ބަލާ އިރު އެކޮމިޝަނުން ކުރިން ފާހަގަކޮށްފައިވާ ކަންކަމަށް އިހްތިރާމް ކުރެވިފައިނުވާ އިރު މުޒާހަރާ ސުލްވެރިކަން ދެމެހެއްޓިފައިނުވާ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާގައި އިންސާނީ ހައްގުތަކުގެ ނަޒަރަކުން ބަލާ އިރު ކަންބޮޑުވާ ކަންތައްތަކެއް މޮނީޓާ ކުރެވިފައިވާ އިރު ހުރިހާ ފަރާތްތަކުން ވެސް ގައުމުގެ މަސްލަހަތު އިސްކުރުމަށާއި އަމަން އަމާންކަން ގާއިމް ކުރުމަށް އެކޮމިޝަނުން ވަނީ ގޮވާލާފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ސުލްހަވެރިކޮށް ފެށި އެމުޒާހަރާ މަޣުރިބް ނަމާދަށް އިސްލާމިކް މަރުކަޒަށް މިސްރާބުޖެހި ހިސާބުން ލާއިންސާނީ ބަސްމަގު ބޭނުން ކޮށްފައިވާ އިރު ހަމަނުޖެހުންތައް ހިންގައި ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ.

"މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ފެން ފުޅި އަދި ގާ ފަދަ ތަކެތި އުކާފައިވާ ކަމާއި އަދި މުޒާހަރާގެ ބައިވެރިން ދުއްވަން ގެންގުޅުނު ޕިކަޕެއް އާއްމުންނަށާއި ފުލުހުންނަށް ގެއްލުންވާ ފަދަ ގޮތަކަށް ބެރިކޭޑް ފަޅާފައި ދިޔަކަން ފާހަގަވޭ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ. "ދިލަނަގާޒާތުގެ ކުނޑިއެއް މުޒާހަރާގެ ތެރެއިން އުކާފައިވުމުގެ ސަބަބުން އެވަގުތު ޕޮލިސް ލައިން ފަހަތުގައި ތިބި އޮބްޒާވަރުންނަށް ވެސް ވަރަށް ބޮޑަށް އޭގެ އަސަރުކުރި."

ގިނަ ބަޔަކު ހައްޔަރުކުރި އިރު އަންހެނުން ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހައްޔަރު ހަރަކާތްތެރިވެފައިވާކަން އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ހާލުބެލުމުގެ ފުރުސަތު އެކޮމިޝަނަށް ލިބިފައިނުވާކަން ވެސް އެކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ހުރަސް އަޅާފައިވާކަމުގެ މައުލޫމާތާއި ނޫސްވެރިންނަށް ފުލުހުން ކިބައިން އަނިޔާ ލިބެމުންދާ ކަމުގެ މައުލޫމާތާއި އެކި މީޑިއާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ މައުލޫމާތުގެ އިތުރުން ފުލުހުންނަށް އަމާޒުކޮށްގެން މުޒާހަރާގެ ބައިވެރިން ފުޅި އާއި ގާފަދަ ތަކެތި އުކިކަމުގެ ހަބަރު އެކޮމިޝަނަށް ލިބިފައިވާތީ އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.