ކަތްމަންޑޫ (މޭ 01) : ނޭޕާލުގެ ބިންހެލުމަށް ނުވަ ދުވަސްވެފައިވާ އިރު ގެއްލިފައިވާ މީހުންގެ އަދަދު އެތައް ހާހަކުން ގުނާލެވޭ ކަމަށާއި އެމީހުން ދިރިތިއްބާ ފެނުމުގެ ފުރްސަތު ކުޑަކަމަށް ނޭޕަލުގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާ ވިދާޅުވެއްޖެ އެވެ.

ކޮއިރަލާ ވިދާޅުވީ މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ވެފައިވާ މީހުންގެ އަދަދު 6،000 ހާހަށް ވުރެ މަތިކަމަށާ އަދި ގެއްލިފައިވާ މީހުންގެ އަދަދު 4000 އަރާކަމުގަ އެވެ. އެހެންކަމުން ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ދިހަ ހާހަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ކޮއިރަލާ ވިދާޅުވި އެވެ.

ޔޫރަޕްގެ އިއްތިޙާދުން އިއްޔެ ބުނި ގޮތުގައި ޔޫރަޕްގެ ހާހަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ބިންހެލުމާ އެކު ހިމާލިޔާ ސަރަހައްދުން ގެއްލިފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންގެންދާކަމަށް ނޭޕާލްގައި ހުންނަވާ އީޔޫ ގެ މަންދޫބާ ވިދާޅުވި އެވެ.

ބިންހެލުމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ނޭޕާލަށް ދުނިޔޭގެ އެތަށް ގައުމަކުންނާއި އދ. ން އެހީތައް ފޮނުވަމުން ގެންދާއިރު އޭޝިޔާގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޕާލުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ހުއްޓުމެއްނެތި ތިންމަސްދުވަސްވަންދެން އިންސާނީ ބޭނުންވާ ކަމަށް އދ. ން ބުނެއެވެ. އދ. ން ވަނީ މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީވުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ. އަދި ނޭޕާލަށް ޚާއްސަކޮށްގެން 415 މިލިޔަން ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އދ. ން ބުނެއެވެ.

ބިންހެލުމަށްފަހު ނޭޕާލް އަލުން އާރާސްތު ކުރުމަށް މަދުވެގެން 5 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ނޭޕާލުގެ ސަރުކާރުން އަންދާޒާ ކޮށްފައިވެެއެވެ. މިދިޔަ ހަފްތާގައި ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި އެގައުމުގެ ހަހާހަށްވުރެ ގިނަމީހުން މަރުވެފައިވާއިރު 10 ހާސްމީހުން ވަނީ ޒަޚަމްވެފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އިންފްރަސްޓްރަކްޗަ ގެ ބޮޑުބައެއް ހަލާކުވެފައިވާއިރު މިކާރިސާގެ ސަބަބުން ދެމިލިޔަނަށްވުރެ ގިނަމީހުން ވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ. (ނޫސްއެޖެންސީތައް)