ޖެނުވަރީ މަހު ބޭއްވި ޕީޕަލްސް ކަޕްގައި ނިއުރޭޑިއަންޓާ ސިންގަޕޫރުގެ ލަޔަންސް ބައްދަލު ކުރި މެޗްގައި ނިއުގެ ޑިފެންޑާ މުޙައްމަދު ރަޝީދު (ހޮކޭ) ލަޔަންސް ޓީމުގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރުމުން އެފްއޭއެމްގެ ޑިސޕްލިނަރީ ކޮމީޓީ އިން ހޮކޭގެ މައްޗަށް އަޅާފައިވާ ސަސްޕެންޝަން ފިޔަވަޅާމެދު ސުވާލު އުފެދޭކަމަށް ބުނެ ނިއުއިން އެމައްސަލަ އެފްއޭއެމްގެ ޑިސޕްލިނަރީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ހޮކޭއާ މެދު އަޅާފައިވާ ފިޔަވަޅާ މެދު ސުވާލު އުފެދޭކަމަށް ނިއުއިން ބުނެފައި ވަނީ ޖަނަވަރީ މަހު 24 ވަނަ ދުވަހު ކުޅެފައިވާ މެޗުގައި ހިނގައި ދިޔަ މައްސަލަ ބެލުމަށް ތިން މަސް ހޭދަވެފައިވާތީ އާއި ހޮކޭގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ސީޒަން ހުޅުވާ މެޗާއި ލީގުގައި ވެސް މެޗް ކުޅުމަށްފަހުގައި ކަމަށްވެފައި އަދި ލީގަށް ކުޅުންތެރިން ރެޖިސްޓްރީކުރުމުގެ މުއްދަތު ފަހަނަޅައި ގޮސްފައިވަނިކޮށް، މި ސަސްޕެންޝަން އައުމުން ނިއުއާ މެދު ބޭއިންސާފުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެޓީމުން އިން ދެކޭތީކަމަށް ނިއުއިން ބުފައިވެ އެވެ.

ޖަނަވަރީ މަހު ބޭއްވި ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ އަތުން ބޯޅަ ހޯދުމަށް ލަޔަންސްގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެފްއޭއެމްގެ ޑިސްޕްލިނަރީ ކޮމިޓީގެ އިއްތިފާގުން ހޮކޭގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ހަ މެޗަށް ސަސްޕެންޑް ކުރުމާއި 15000 ރުފިޔާ ޖޫރިމަނާއެކެވެ.

ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ އޭނާ އަށް އަންގާފަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީ އިން ހޮކޭއާ މެދު ފިޔަވަޅު އަޅާފައިވަނީ މެޗް ކޮމިޝަނަރުގެ ރިޕޯޓާއި އެހާދިސާގެ ވީޑިއޯ އާއި ރެފްރީ ކޮމިޓީ އަށް ދީފައިވާ ބަޔާންތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ހޮކޭއާ މެދު ފިޔަވަޅު އެޅިކަން ހާމަ ކުރުމުގެ ގޮތުން އެފްއޭއެމްއިން އާންމުކުރި ބަޔާނުގައި

ޖަނަވަރީ މަހު ބޭއްވި ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ ކަރަށް ފައިއެރި ކުޅުންތެރިޔާ އިންޖަރީވެފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރ. އަލިފުއްޓަށް އުފަން ހޮކޭ ކެރިއާ ފެށީ ވިކްޓްރީއިންނެވެ. އެއަށްފަހު ވެލެންސިއާއި މާޒިޔާ އަށް ކުޅުމަށް ފަހު އޭނާ ނިއުއަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.