ވެރިކަން ދަމަހައްޓަން ސަރުކާރު އޮތީ ގޮތްހުސްވެފައި ކަމަށް އަދާލަތު ޕާޓީ އިން ބުނެފި އެވެ.

އެ ޕާޓީ އިން އިއްޔެ އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާ "ފެއިލް"ވެފައިވާ އިރު މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ރައްޔިތުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގައި ވާދަވެރި ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރަމުން ދަނީ ސަރުކާރުގެ "އަނިޔާވެރިކަން" ރައްޔިތުންނަށް ދައްކުވައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.

އެއީ މިނިވަންކަމާ އެކު އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށާއި މިއިން ދައްކުވައި ދެނީ އަނިޔާވެރިކަން ދެމެހެއްޓުމަށް ސަރުކާރު އޮތީ ގޮތްހުސްވެފައިކަން ކަމަށް އެ ޕާޓީ އިން ބުންނެވެ.

"ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހައްޔަރުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މިލްކިއްޔާތު ސަރުކާރަށް ނެގުމަށް ތައްޔާރުވަމުން އަންނައިރު މިކަމުން ކަށަވަރު ވަނީ ސަރުކާރުގެ ވިސްނުމަކީ ވާދަވެރި ސިޔާސީ ފަރާތްތައް ޖަލުގޮޅީގައި ބަންދުކޮށްގެން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައިގެން ގޮށްމުށުގެ ބާރުން ވެރިކަން ދެމެހެއްޓުން،" އަދާލަތު ޕާޓީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިވަން މުއައްސަސާތަކާއި ޝަރުއީ ކޯޓުތަކުގެ ބާރުކަނޑުވާލުމުގެ މަސައްކަތް ސަރުކާރުން ކެނޑިނޭޅި ކުރަމުން އަންނަކަމަށް ވެސް އަދާލަތު ޕާޓީ އިން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާގައި 193 މީހަކު ހައްޔަރުކޮށްފައިވާ އިރު ފުލުހުންނަށާއި އާންމުންނަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައްވެފަ އެވެ. އަދި އެތައް ވިޔަފާރިއެއް ހުއްޓި ވެރިރަސުގެ މަގުތައް ވަނީ ހަލަބޮލިވެފަ އެވެ.

އަދި ސުލްހަވެރި މުޒާހަރާއެކޭ ބުނެ ބޭއްވި މުޒާހަރާގައި ފުލުހެެއްގެ ގައިގައި ތަޅައި ޖިސްމާނީ ބޮޑެތި އަނިޔާތަކެއްކޮށްފަ އެވެ.