ވިއެނާ (މޭ 2) : މި އަހަރު ނިމެންދެން ތެލުގެ އަގު މައްޗަށް ނުދާނެކަމާއި ތެލުގެ އަގު މިހާރު އޮތް މިންވަރުގައި ހިފެހެއްޓިފައި އޮންނާނެކަން ކަމާ ބެހޭ ސާވޭއަކުން ހާމަވެއްޖެ އެެވެ.

ރޮއިޓާސް އިން ކުރި ތެލުގެ އަގާބެހޭ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާ އިން އުފައްދާ ތެލުގެ މިންވަރު ދަށަށް ގޮސްފައިވުމުގެ ސަބަބުންނާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއަހަރުގެ ފަހުކޮޅު ނައްތާލުމާ އެކު އީރާނުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެ ކަމަށް ބެލެވޭތީ މި އަހަރު ތެލުގެ އަގު މައްޗަށް ދިޔުމުގެ އެއްވެސް ފުރްސަތެއް ނެތެވެ. އަދި މިއަހަރު ތެރޭގައި ތެލުގެ ޑިމާންޑް އެއްވަރެއްގައި އޮންނާނެ ކަމަށް އެހެން ދިރާސާއަކުން ވެސް ވަނީ ހާމަވެފަ އެވެ.

މިއީވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ނުދާނެ ކަމަށް އަންދާޒާ ކުރެވޭ ސަބަބެކެވެ. މިސަބަބުތަކަށް ބަލާއިރު ތެޔޮފީފާއެއްގެ އަގު 50 ޑޮލަރަށް ވުރެ މައްޗަށް ދިޔުމުގެ އެއްވެސް ފުރުސަތެއް މިއަހަރު ތެރޭގައި ނެތްކަމަށް މިސާވޭ ބުނެ އެވެ. ރޮއިޓާސް އިން ކުރި މިސާވޭ ގައި ތެލުގެ ދިރާސާތަކާ ބެހޭ ތިރީހަށް ވުރެ މުޙައްލިލުންނާއި ތަޖްރިބާކާރުންގެ ލަފާ ހޯދާފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ތެލުގެ އަގުވަނީ ދަށަށްދާން ފަށާފަ އެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި 80 ޑޮލަރާއި 90 ޑޮލަރާ ދެމެދުގެ އަގަކަށް ހުރި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގުވަނީ 25 އެމެރިކާ ޑޮލަރަށް ދަށަށް ގޮސްފަ އެވެ. އަދި އެއަށް ފަހު ތެލުގެ އަގުވަނީ 40 ޑޮލަރާއި 50 ޑޮލަރާ ދެމެދުގެ އަގެއްގައި ހިފެހެއްޓިފަ އެވެ. ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ފަގީރު ގައުމުތަކުގެ އިގްތިސާދަށް އާރޯކަން އައިސްފަ އެވެ. އަދި ތެޔޮއުފައްދާ ގައުމުތަކަށް ވަނީ އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުމަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ. (ރޮއިޓާސް)