ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމީން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެދަށުން ކަމަށެވެ. ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަމީރު ސަން އަށް ވިދާޅުވީ އަމީން ހައްޔަރުކޮށްފައި ވަނީ އެޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި ހުންނަވަނިކޮށް މިރޭ 2:30 އެހާކަންހާއިރު ކަމަށެވެ.

"ފުލުހުން ވަޑައިގެން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އަމީން ހައްޔަރުކުރަންވެގެންނޭ މިއައީ. ދެން އަމީނަށް ކޯޓު އަމުރު ދެއްވާފަ ފަސް މިނެޓުފަހުން ހައްޔަރުކޮށްގެން ގެންދިޔައީ،" ސަމީރު ވިދާޅުވި އެވެ.

އަމީނަކީ މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީން އޭނާ މަގާމުން ވަކިކުރެއްވި ހިސާބުން އަމީން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާން ފަށާފަ އެވެ.

ފުލުހުން ބުނެފައި ވަނީ މިއަދު ބޭއްވި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާއި އެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ތިބި މީހުން ހޯދައި އެމީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.