02 May 2015, 02:00
"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާއި އެ މުޒާހަރާގެ ފަހަތުގައި ފިލައިގެން ތިބި މީހުން ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
"ސަން ޓީވީ" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ރަށްރަށުން މީހުން ގެނައުމަށްފަހު އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ފިއްލަވާ ކަމަށެވެ. ނަމަވެސް ދެން އިތުރަށް އެ ފަރާތްތަކަށް ފިލައިގެން ނުތިއްބެވޭނެ ކަމަށާއި މުޒާހަރާބާއްވަން ރޭވުމުގެ އަޑީގައި ތިބ މީހުން ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުޒާހަރާ މި ހިންގަނީ ސިޔާސީ ބަޔަކު އޭގެ ފަހަތުގައި ތިބެގެން ފުލުހުންނަށް ވެސް އަނިޔާވަމުން މި ދަނީ. އެބޭފުޅުން މި ތިބެނީ ފިލާ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުންނަކަށް ދެން ފިލައެއް ނުތިބެވޭނެ. އެބޭފުޅުން އެ ތިބި ތަނަކުން ގާނޫނުގެ އަތް އެބޭފުޅުންނާ ހަމައަށް ފޯރާނެ. އެބަޔަކު ތިބި ތަނަކުން ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެންނާނަން،" އަދީބު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ މަގުސަދަކީ އަނިޔާވެރިކަމަށް ގައުމު ގެންދިޔުން ކަމަށާއި އިދިކޮޅު ފަރާތްތަކާ މެދު ސުލްހަވެރިކަމާ އެކު ވާހަކަ ދައްކަން ވެސް ސަރުކާރު ހުށަހެޅި ނަމަވެސް އެބޭފުޅުން ބޭނުންވަނީ މިގޮތަށް އަނިޔާވެރިކޮށް ކަންކަން ގެންދަން ކަމަށް އަދީބު ވިދާޅުވި އެވެ.
"މިހާލަތައް ގައުމު ވައްޓާލަން އެ ފަރާތްތަކުން މަސައްކަތް ކުރާތީ ވަރަށް ހިތާމަކުރަން. އިގްތިސޯދީ ޕްރޮޖެކްޓްތަކާ ހުރިހާ ކަމެއް ކުރަމުން އަންނާތީ އެބޭފުޅުންނަށް ވިސްނުނީ ސިޔާސީގޮތުން އެބޭފުޅުންނަށް ކުރިމަގެއް ނެތްކަމަށް،. އެހެންވީމަ އިގްތިސޯދު ހުއްޓުވުމަށް އެ މަސައްކަތް ކުރަމުން ދަނީ. މިކަން މި ކުރަނީ ރާއްޖޭގެ ބޮޑަތި ވިޔަފާރިވެރިން ފަންޑުކޮށްގެން،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެގޮތަށް މަގުމައްޗަށް ނުކުމެ އަޑު އުފުލި ނަމަވެސް މި ސަރުކާރު ނުވެއްޓޭނެ ކަމަށެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށް ބުނެ ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް އެ ދެ ފުލުހުން މިހާރު ވަނީ ސްރީލަންކާ އަށް ފޮނުވާލާފަ އެވެ.