25 Feb 2011, 00:47
ލަންޑަން : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީއާއި އޭނާގެ ޢާއިލާގެ މުއްސަނދިކަން އެތަށް ބިލިޔަން ޑޮލަރަކަށް އަރާ ކަމަށާއި ޢަރަބި ލީޑަރުންގެ ތެރޭގައި ހުންނެވި އެންމެ މުއްސަނދި ބޭފުޅަކީ ގައްޒާފީ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ.
އިނގިރޭސިވިލާތުގެ އެކްސްޓަރ ޔުނިވަރސިޓީގެ މެދުއިރުމަތީގެ ދިރާސާތަކާބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޕްރޮފެސަރ ޓީމް ނެބްލޮކް އާ ޙަވާލާދީ ފައިނޭންޝަލް ޓައިމްސް ގައިވާ ރިޕޯޓެއް ބުނިގޮތުގައި ލީބިޔާއަށް ލިބޭ ތެލުގެ އާމްދަނީއާއި އެޤައުމުގެ ސަރުކާރުން ކުރާ ޚަރަދުތަކާދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ހުންނަ ކަމުގައެވެ.
މިގޮތުން ލީބިޔާއަށް ލިބޭ ތެލުގެ އާމްދަނީގެ ތެރެއިން ގެއްލިފައިވާ ބައި ގައްޒާފީއާއި އޭނާގެ ދަރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ބެލެވޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް މިރިޕޯޓް ބުނެއެވެ. ނަމަވެސް ގައްޒާފީއާއި އޭނާގެ ޢާއިލާ ނަހަމަ ގޮތުގައި ޖަމާކޮށްފައިވާ ފައިސާތަކާއި މުދާތަކުގެ މިންވަރާއި އެތަކެތި ހުރިތަންތަނާބެހޭ މަޢްލޫމާތު އަދި ހާމަވެފައިނުވާ ކަމަށް ޚަބަރުލިބެއެވެ.
ޖަޕާނުގެ ބޭންކެއްކަމަށްވާ ނޮމޯރާގެ އިޤްތިސާދީ ތަޖްރިބާކާރެއްކަމަށްވާ އެލެސްޓަރ ނިއުޓަރ ވިދާޅުވިގޮތުގައި ގައްޒާފީއާއި އޭނާގެ ދަރިންގެ މުއްސަނދިކަން ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
އެކްސްޓަރ ޔުނިވަރސިޓީގެ ޕްރޮފެސަރ ޓީމް ނެބްލޮކް ލަފާކުރައްވާގޮތުން ގައްޒާފީއާއި އޭނާގެ ޢާއިލާގެ ބިލިޔަން ޑޮލަރުގެ މުއްސަނދިކަން ހުންނާނެ ކަމަށް ބެލެވެނީ ދުބާއިގައާއި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ބޭންކްތަކުގައާއި އިންވެސްޓްމަންޓްތަކުގެ ގޮތުގައެވެ. ރިޕޯޓްތައް ބުނާގޮތުން 2009 ވަނަ އަހަރު ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ވަނީ ލަންޑަންގެ ހެންޕްސްޓިޑް ސަރަޙައްދުން 16 މިލިޔަން ޑޮލަރުގެ އަގުހުރި ރިއަލް އެސްޓޭޓް އެކުވެންޏެއް ބައްލަވައިގެންފައެވެ.
ގައްޒާފީއާއި އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބަލުސްކޯނީއާދެމެދުވެސް ވިޔަފާރީގެ ސިއްރު ގުޅުންތަކެއް އޮންނަ ކަމަށްވެއެވެ. ބަލުސްކޯނީ ގައްޒާފީއަށް ތާއީދުކުރައްވާ މައިގަނޑު ސަބަބަކީ މިއީ ކަމަށް ބުނެވެއެވެ.
އަނެއްކޮޅުން ގައްޒާފީގެ ދަރިންވެސް ޔޫރަޕާއި އެމެރިކާ ފަދަ ތަންތަނަށް ވަޑައިގެން ވަރަށް އިސްރާފުބޮޑު ޚަރަދުތައް ކުރައްވައި އަދި ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުން ފެންވަރުދަށް އުޅުއްވުން އުޅުއްވާކަން ވަނީ ހާމަވެފައެވެ.
ލަންޑަންގައި ނުކުންނަ ދަ ގާޑިޔަން ނޫސްބުނާގޮތުން ގައްޒާފީއާއި އޭނާގެ ޢާއިލާ ރައްކާކޮށްފައިވާ ފައިސާއިން ޢަރަބި 22 ޤައުމުގެ ރައްޔިތުން (ހުރިހާ ޢަރަބިން) ނަށް ފަސްއަހަރު ވަންދެން ކާންބޯންދެވޭނެ އެވެ. ނަމަވެސް ގައްޒާފީ ވިދާޅުވެފައިވަނީ އޭނާގެ އަތްޕުޅުގައި ރައްކާކޮށްފައި އެއްވެސްއެއްޗެއް ނުހުންނާނެ ކަމުގައެވެ. -- ފައިނޭންޝަލް ޓައިމްސް، އަލްޖަޒީރާ