02 May 2015, 01:24
"އަނިޔާވެރިކަން ނިންމަން" މިނަމުހައި އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާކުރި މީހުން ހޯދަން ވީޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލަ އެވެ. އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.
އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ރައްޔިތުންގެ ކިބައިން ފުލުހުން ވަނީ އެދިފައެވެ.
މިރޭގެ މުޒާހަރާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ފުލުހުންނަށް އިތުރު ފަރުވާދިނުމަށް މިހާރު ވަނީ ރާއްޖެއިން ބޭރަށް ފުރުވާލާފަ އެވެ.