01 May 2015, 23:19
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާން މިރޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ "އަނިޔާވެރިކަން ނިންމަން" މިނަމުގައި މާލޭގައި ބާއްވާ މުޒާހަރާ އަކީ އަދާލަތު ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ މުޒާހަރާއެއް ކަމަށް ބުނެ، މުޒާހަރާގެ ޒިންމާ އެޕާޓީން ނަގާފައިވާ ކަމަށެވެ.

ފުލުހުން އިމްރާން ހައްޔަރުކުރުމަށް އޭނައާ ކޯޓު އަމުރު ހަވާލުކޮށްގެން ---- ފޮޓޯ/ ޝިދާތާ
އިމްރާނަކީ އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ އެކި އެއްވުންތަކުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކަވަމުން އަންނަ ބޭފުޅެވެ. އެގޮތުން މިއަދު ހަވީރު އެއްވުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވެސް އިމްރާން ވަނީ އަދީބަކީ ގޭންގުތައް ގެންގުޅޭ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.