01 May 2015, 23:12
މުޒާހަރާ ބެލެހެއްޓުވުމުގައި ފުލުހުން މަސައްކަތް ކުރަމުން ގެންދަަނީ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ބުނެފިއެވެ.
ސަރުކާރުގެ އިދިކޮޅު ޕާޓީތަކުން މިއަދު ކުރިއަށް ގެންދާ މުޒާއަރާއާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ އެ މުޒާހަރާގައި ފުލުހުންގެ އަމައްލުތައް ބަހައްޓާފައިވަނީ ރަނގަޅަށް ކަމަށާއި އެ މުޒާހަރާގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ.
މިއަދު މެންދުރު ހަވީރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ސުލްހަވެރި ހަރަކާތްތަކެއް ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ސަބަބަކީ އެ ހަރަކާތުގައި ފުލުހުންނާ ދިމާލަށް ހަޑިހުތުރު ބަހުން ގޮވައި ގާ ފަދަ އެއްޗެހި ފުލުހުންނާ ދިމާލަށް އުކަމުންދާތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ ހުރިހާ ކަންތައްތަކާ އެކުވެސް މުޒާހަރާގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ފުލުހުން މަސައްކަތް ކޮށްފައިވަނީ ކެތްތެރި ކަމާއެކު ކަމަށެވެ.
މުޒާހަރާ ކޮންޓްރޯލްކޮށް ބެލެހެއްޓުމުގައި އެވަގުތުގެ ހާލަތާ އެކަށީގެން ނުވާގޮތަކަަށް ކަންތައް ކޮށްފައި ނުވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މުޒާހަރާ ކުރާ ފަރާތްތަކުން ހިންގާ ހަރަކާތްތައް ސުލްހަވެރި ކަމާއެކު އެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށާއި އަނިޔާވެރި އަމަލެއް ނުހިންގުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.