01 May 2015, 23:25
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ޝަރީއަތުގައި ގޯސްކޮށް ކަންތައްތަކެއް ހިނގިކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމުގެ ނިޝާންތައް ފެނުނުކަމަށާއި އެކަމުގައި ކޮންމެވެސް ފިޔަވަޅެއް އަޅާތަން ދެކެން ބޭނުންވާ ކަމަށް ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ބުނެފި އެވެ.
ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔޫއެން ހިއުމަން ރައިޓްސް އޮފީހުގެ ރޫލް އޮފް ލޯ އަދި ނަން ޑިސްކްރިމިނޭޝަން ބްރާންޗްގެ ވެރިޔާ މޯނާ ރިޝްމާވީ މިއަދު ވިދާޅުވީ މައާފް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަށް އޮތްކަން ސާފުކޮށް އެނގޭ ކަމަށެވެ.
"... ޝަރީއަތުގެ މަރުހަލާގައި ކަންތައްތަކެއް ގޯސްކޮށް ދިޔަކަން ސަރުކާރުން ވެސް ގަބޫލު ކުރާ ކަމުގެ ސިގްނަލް އަހަރެމެންނަށް ލިބެން ފެށި، އެކަމާ ވިސްނައި ސިޔާސީ ގޮތުން ހަރުދަނާ ފިޔަވަޅެއް މިކަމުގައި އަޅައި، ކޮންމެވެސް ކަމެއް ހިނގާތަން ދެކެން އަހަރެމެން ބޭނުން،" މޯނާ ވިދާޅުވެފައިވެ އެވެ.
މޯނާ ރިޝްމާވީ މިހެން ވިދާޅުވީ އޭޕްރީލްމަހުގެ 20 އިން 23 އަށް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާއި ރައީސް ނަޝީދު ބަންދުގައި ހުންނެވި ތަނަށް ކުރެއްވި ޒިޔާރަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު މިނިވަން ކުރުމަށް ގޮވާލައި މިއަދާއި މިރޭ ވެސް މާލޭގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.