ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް އެކި ގައުމުތަކުން ހުށަހަޅަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައަކީ ޝަރީއަތް ހިނގައި ނިމިފައި އޮތްކަމަކަށްވާއިރު އެކަމުގެ ތެރެއަށް އަތް ބޭނުމަށާއި ނުފޫޒް ފޯރުވުމަށް އެކި ގައުމުތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ. އެގައުމުތަކަކީ ރާއްޖެ ކުރިއެރުމަށް އެދޭ ގައުމުތަކެއް ނޫން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"މިގައުމުތައް މިއުޅެނީކީއެއް ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ދިވެހި ރާއްޖެއަށް، ނުވަތަ ރާއްޖޭގެ ކުރިއެރުމަށް އެއްވެސް ކަހަލަ ހެޔޮ އެދޭ ބައެއް ނޫނޭ. އެހެންވީމަ އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން މަތީ އަޅުގަނޑުމެންގެ އިންސްޓިޓިއުޝަން އާއި މިނިވަންކަމާއި އިސްތިގުލާލާ އަޅުގަނޑުމެން ޖެހޭނީ ހިމާޔަތް ކުރަން. މިނޫން ގޮތަކަށް ޖާގަ ނުވަތަ ފުރުސަތު ދީފި ކަމަށްވަންޏާ ދިވެހިރާއްޖެ އެ އަޅުވެތި ވިއްޔޭ. އެހެން ބަޔަކު ބޭނުންވާ ގޮތްތަކަކަށް އޭރުން އެމީހުން ގޮތްކިޔާނޭ ހުރިހާ ކަންތައްތައް ހިންގަންވީ ގޮތަކަށް. އޭރުން އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ދިޔައިއްޔޭ،" ދުންޔާ ވިދާޅުވި އެވެ.

ގައުމުތަކުން އެހެން ގޮވާލި ނަމަވެސް ސަރުކާރުގެ ޕޮލިސީއަކީ ޝަރުއީ ނިޒާމަކީ ވަކިވެފައިވާ ނިޒާމަކަށް ވުމުން ޝަރީއަތެއް ކުރެވި ބަންދު ކުރެވިފައި ހުރި މީހަކު ދޫކޮށްލުމަކީ ސަރުކާރުން އިޖާބަ ދޭނެ ކަމެއް ނޫންކަމަށް ވެސް މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

ސަރުކާރަށް މަޖުބޫރު ކުރުވައިގެން ޑިމާންޑުތަކެއްގެ ގޮތުގައި ވަކި މީހަކު ދޫކޮށްލަން ގޮވާލުމަކީ އިޖާބަ ދޭނެ ކަމެއް ނޫންކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އެމެރިކާގައި މަސައްކަތް ކުރަމުންދާއިރު މިނިސްޓަރު ދުންޔާ ވިދާޅުވީ، ރައީސް ނަޝީދު މިނިވަން ކުރުމަށް މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށެވެ.

"އެބޭފުޅުންގެ ފުރިހަމަ މިނިވަންކަން އެބައޮތް ކޮންމެ ގައުމަކާއި އަދި ސަރުކާރުތަކާ ވެސް ބައްދަލުކުރެއްވުމުގެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްސަލަ އދ.އަަށް ހުށަހެޅުމުގެ ކުރިން ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއާއެކު އެމެރިކާގެ ވޮޝިންޓަންގެ ނެޝަނަލް ޕްރެސް ކްލަބްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ ވިދާޅުވީ، ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ރައީސް ޔާމީނަށް އެމެރިކާއިން ޕްރެޝަރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް އެކުލަވާލާފައި ވަނީ މި ހުސްވިމަހުގެ ކުރީ ކޮޅުގައެވެ. ނަޝީދުގެ އޮފީހުން ބުނީ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމްގެ ފަރާތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.