01 May 2015, 20:01
މި ސަރުކާރު ވައްޓާލެވޭނެ ގާބިލުކަމެއް އެމްޑީޕީ އަކު ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސަން ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މި ވަގުުތު މާލޭގެ ހާލަތު އޮޮތީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި އެހެން ނަަމަވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހެނުން ހިނގަމުންދާ ކަމަށެވެ.
" މުޒާހަރާކުރާ އިރަށް މި ސަރުކާރު އިސްތިއުފާ ނުދޭނެ،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ގަދަ ބާރު ދައްކައިގެން މި ސަރުކާރުން ވާހަކަ ނުދައްކާނެ ކަމަށާއި ގަދަބަސް ވިދާޅުވި އެއްވެސް ބޭފުޅަކު މިހާރު މުޒާހަރާއަކުން ފެންނަން ނެތް ކަމަށެވެ.
" ގަދަ ބާރު ދައްކައިގެން ވާހަކަ އެއް ނުދައްކާނެ. ގަދަ ބަސް ވިދާޅުވި އެއްވެސް ބޭފުޅަކު މިހާރު މުޒާހަރާ އަކު ނެތް." އުމަރު ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިންނާ ކުރިމަތިނުލައި މުޒާހަރާގެ ބައިވެރިން ގެއަށް ދިޔުމަށް ހޯމް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލާފައި ވަނީ ޝަރީއަތުން އިއްވި ހުކުމެއް ތަންފީޒު ކުރުމަށް ކަމަށާއި އެހެންކަމުން ޝަރުއީ އެއްވެސް ނިންމުމެއް ނެތި އެމަނިކުފާނު ދޫކޮށްނުލާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިސަރުކާރު އޮންނާނީ އަބަދުވެސް މަޝްވަރާކުރުމަށް ތައްޔާރަށް ކަމަށާއި އެހެންނަމަވެސް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކު ދޫކޮށްލުމަށް މިސަރުކާރުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.