01 May 2015, 19:01
ޖޫން މަހު އޮންނަ ކޮޕާ އެމެރިކާގައި ބްރަޒިލްގެ ގައުމީ ޓީމްގެ ޖާގައަކަށް އުންމީދު ކުރާކަމަށް ކުރިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ރިކާޑޯ ކަކާ ބުނެފިއެވެ.
ބީބީސީގެ 'ވޯލްޑް ފުޓްބޯލް' ޕްރޮގުރާމްގައި ވާހަކަ ދައްކަމުން އުމުރުން 33 އަހަރުގެ ކަކާ ބުނީ އޭނާއަށް ގައުމީ ޓީމަށް އެރުމަށް ތައްޔާރަށް ހުރި ކަމަށް ބްރަޒިލްގެ ގައުމީ ކޯޗް ކާލޯސް ޑުންގާ ގާތު ބުނެފައިވާނެ ކަމަށެވެ.
"އަހަރެން ގަބޫލު ކުރަނީ އަދިވެސް އަހަންނަށް ބްރަޒިލްގެ ގައުމީ ޓީމަށް ކުޅެވޭނެކަމަށް. އަހަރެންގެ ހުނަރާއި ފެންވަރުން އަހަންނަށް ޓީމަށް އެހީތެރިވެވޭނެކަމަށް. އެކަމަކު އެކަން ނިންމާނީ އަހަންނެއް ނޫން. އެކަން ނިންމާނީ ޑުންގާ" ޑުންގާގެ އިރުޝާދުގެ ދަށުން 2006ގެ ވޯލްޑްކަޕްގައި ބްރަޒިލްގެ ގައުމީ ޓީމަށް ކުޅުނު ކަކާ ބުންޏެވެ.

ކަކާ ބްރަޒިލްގެ ގައުމީ ތީމަށް ކުޅުނު އިރު މިހާރުގެ ކޯޗް ކާލޯސް ޑުންގާއާއެކު --- ފޮޓޯ/ ފޯފޯޓީ
މިދިޔަ އަހަރު ބްރަޒިލްގައި ބޭއްވި ވޯލްޑްކަޕް ސްކޮޑްގައި ކަކާއެއް ނުހިމަނައެވެ. ވޯލްޑް ކަޕްގައި ބްރަޒިލްގެ ކޯޗަކަށް ހުރީ ކުރިން ބްރަޒިލްއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައިވާ ލުއިސް ފިލިއްޕެ ސްކޮލާރީއެވެ.
ކަކާ ބުނީ މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕް ސެމީ ފައިނަލުން ބްރަޒިލް ކެޓީ ޓީމްގެ ހިތްވަރު ގެއްލުމުން ކަމަށެވެ.
ނަމަވެސް މިހާރުގެ ކޯޗް ޑުންގާ މަސައްކަތް ވަރަށް ރަނގަޅުކަމަށާއި ޑުންގާގެ މަސައްކަތައް ތައުރީފް ހައްގުކަމަށް ކަކާ ބުންޏެވެ.

ބްރަޒިލްގެ މިހާރުގެ ކޯޗް ކާލޯސް ޑުންގާ --- ފޮޓޯ/ ދަފުޓްބޯލް މައިންޑް
2002 ވަނަ އަހަރު ވޯލްޑްކަޕާއި 2006 ވަނަ އަހަރު ވޯލްޑްކަޕްގައި ބްރަޒިލްގެ ގައުމީ ޓީމަށް ކުޅުނު ކަކާއަށް ޓީމުން ޖާގައެއް ގެއްލިފައިވަނީ އަނިޔާގެ ސަބަބުން ކުރިން ކުޅުނު އަސްލު ފޯމުގައި ނުކުޅެވުމުންނެވެ.
މިހާރު ކަކާ ކުޅެމުންދަނީ އެމެރިކާގެ މޭޖާލީގް އޮލާންޑޯ ސިޓީއަށެވެ.
މިއަހަރު ޗިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 44 ވަނަ ކޮޕަޑެލްރޭ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 އިން ޖޫން 4 ވަނަ ދުވަހުގެ ނިޔަލަށެވެ.