01 May 2015, 21:04
އެމްޓީސީސީގެ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 53.36 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 2014 ވަަނަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ވަނީ 24.46 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައެވެ. އެހެންކަމުން މިއީ 118 ޕަސެންޓްގެ އިތުރުވުމުކެވެ.
ހިންގުމުގެ ފައިދާ އިން ފައިނޭންސް ކޯސްޓާއި ޓެކްސް އަށް ކެނޑުމަށް ފަހު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 41.6 މިލިއަން ރުފިޔާ ލިބިފައެވެ. މި ކުއާޓާގައި 219 މިލިއަން ރުފިޔާގެ ވިޔަފާރި ވަނީ ވެފައެވެ.
" އަޅުގަނޑުމެން 40 ޕްރޮޖެކްޓް އެބަ ހިންގަން، މި ޕްރިޖެކްޓްތަކުގެ އަގަކީ 1.6 ބިލިއަން ރުފިޔާ،" ކަމަށް އެމްޓިސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވިއެވެ.
ދަތުރު ފަތުރުގެ ޚިދުމަތް ފުޅާ ކުރުމަށް 26.5 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ކުއާޓާލީ ހިސާބުތަކާ ބެހޭގޮތުން އެ ކުންފުނިން ނެރެފައިވާ ރިޕޯޓްގައި ވެއެވެ. އެ ގޮތުން ޒަމާނީ އިތުރު ހަތަރު ބަސް ހުޅުމާލޭގައި ދުއްވަން ގެނައުމާއި މާލެ ހުޅުމާލޭ ފެރީގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމުގެ ގޮތުން އިތުރު ދެ ފެރީ ބޭނުންކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.