އިންސާނާގެ ލޮލުގެ ކުލައިގައި ގިނަ މާނަތަކެއް އެކުލެވިގެންވެ އެވެ. ލޮލުން ތަފާތު މެސެޖުތައް ދެއެވެ. ލޮލުގައި ހުންނަ ތަފާތު ކުލަ ތަކުގެ ސަބަބުން އެމީހަކާ މެދު މީހުން ދެކޭ ގޮތް ވެސް ތަފާތުވެ އެވެ. މި ކަންކަމުގެ އިތުރުން ލޮލުގެ ކުލަ އަކީ މީހާގެ މިޒާޖުވެސް ބުނެދޭ އެއްޗެކެވެ. މި ލިޔުމުގައި މި ހިމަނައިލަނީ މި ގޮތުން ފާހަގަކޮށްލެވޭ ބައެއް ކުލަ ތަކާއި އެ ކުލަތަކުގެ ލޮލުގެ ވެރީންނަށް ހުރި ޚާއްސިއްޔަތުގެ ވާހަކަ އެވެ.

ކަޅުކުލަ

ކަޅުކުލައިގެ ލޮލުގެ ކަޅި ހުންނަ މީހުން ވަރަށްމަދު ވާނެއެވެ. އާންމު ކޮށް ކަޅުކުލަ ހުންނަ މީހުންނަކީ ވަރަށް ގަދަ މުށި ކުލައިގައި ލޮލުގެ ކަޅި ހުންނަ ބައެކެވެ. ކަޅު ކުލައިގެ ލޮލުގެ ކަޅި ހުންނަ މީހުންނަކީ އިތުބާރުކުރެވޭ ޒިންމާދާރު ބައެކެވެ. އެމީހުންނަކީ ސިއްރުވެރި އަދި އެހެންމީހުންގެ ސިއްރު ހިފަހައްޓާ ބައެކެވެ. އަދި އެމީހުންނަކީ ބައިވެރިޔާ އަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަފާތެރި ބައެކެވެ. ބުރަ މަސައްކަތް ކޮށް އެމީހުންގެ ލަނޑުދަނޑިއާ ހަމައަށް ވާސިލްވުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެއެވެ.

މުށިކުލަ

ދުނިޔޭގެ އެންމެ ގިނަ މީހުންގެ ލޮލުގެ ކުލައަކީ މުށިކުލައެވެ. މިތާނގައި މުށިކުލަ މާނަ ކޮށްފައި މިވަނީ މަޑު މުށި ކުލައިގައެވެ. މުށިކުލަ ހުންނަ މީހުންނަކީ އަޅައިގަންނަ ގޮތެއް ހުންނަ އަމިއްލަ ވަންތަ ބައެކެވެ. ޕޮޒިޓިވް ވިސްނުމަކީ މުށި ކުލަ ހުންނަ މީހުންގެ ގައިގައި ހުންނަ ސިފަތަކެވެ. އެމީހުންނަކީ މިނިވަން، އެހެންމީހުންނަށް އަޅާލައި އަދި އާ ރައްޓެހިން ހޯދުމުގައާއި އާ ކަންތައްތައް ދިރިއުޅުމުގައި ހޯދާ ބައެކެވެ.

ގްރޭ ހެއިޒެލް

ގްރޭ ހެއިޒެލް ކުލައަކީ މުށިކުލަ އާއި ފެހިކުލަ އެއްކޮށްލުމުން އަންނަ ކުލައެކެވެ.

ގްރޭ ހެއިޒެލް ކުލައިގެ ލޮލުގެ ކަޅި ހުންނަ މީހުންނަކީ ރީތިލޮލެއް ލިބިފައިވާ ބައެކެވެ. އެމީހުންނަކީ ހިތްވަރުގަދަ، ކަންކަމުގައި އެހެންމީހުންނަށް ހިތްވަރު ދޭ ބައެކެވެ. އެމީހުންގެ ލޮލުގެ ރީތިކަމުގެ ސަބަބުން އަޅައިގަންނަ ގޮތެއް ހުއްޓަސް ހެއިޒެލް ލޮލުގެ މީހުންނަކީ އެމީހުންގެ ހަޔާތުގައި އެހާ ކާމިޔާބު ބައެއް ނޫނެވެ. އެމީހުންނަކީ ރުޅިގަދަ ބައެކެވެ.

އަޅިކުލަ

އަޅިކުލައިގެ މީހުންނަކީ ނުފޫޒުގަދަ ލީޑަރުންނެވެ. އަޅިކުލައިގެ ލޯ ހުންނަ މީހުންނަކީ ހިތްވަރުގަދަ، ވިސްނުން ތޫނު އިއްޒަތްތެރި، ވަކި ގޮތެއްގައި ތިބޭ ބައެކެވެ. އެމީހުން ވަރަށް ސީރިއަސްކޮށް އެމީހުންގެ ދިރިއުޅުމާ ދޭތެރޭ ވިސްނާނެވެ. އަދި ކަންކަމުގައި ހައްދައިލަން އުނދަގޫވާނެވެ. އެމީހުންނަކީ މިޒާޖުގައި އަމިއްލަ ވަންތަ އަދި އިމޭޖިނޭޓިވް ބައެކެވެ.

ފެހި ކުލަ

ފެހި ކުލައިގެ ލޯ ހުންނަ މީހުން ވަރަށް ތާޒާކަމަށް ދައްކާނެއެވެ. އެމީހުންނަކީ ވިސްނުން ތޫނު އާ ކަންތައްތައް ބަލާ ހިތްވާ އަދި އާ ކަންތައްތަކަށް ޝައުގުވެރިވާ ބައެކެވެ. އެމީހުންނަކީ ގިނަ ކަންތައްތަކަށް ގާބިލު މީހުންނެވެ. އެމީހުންނަކީ ހިތްގައިމު އަޅައިގަންނަ ލޮލުގެ ވެރިބައެކެވެ. އެމީހުންގެ ގައިގައި ހުންނަ ހަމައެކަނި ނެގެޓިވް ކަމަކީ ވަރަށް އަވަހަށް އެހެން މީހުންނާ ދޭތެރޭ ހަސަދަވެރިވާނެވެ.

ނޫ ކުލަ

ގިނަ މީހުން ލޮލުގެ ކަޅީގައި ހުންނަން ބޭނުންވާ ނޫކުލައަކީ އަޅައިގަންނަ ކުލައެކެވެ. ހިތްހަމަޖެހޭ، ހުޝިޔާރު، ހިތްހެޔޮކަން ފަދަ ގިނަ ކަންތައްތަކަކީ ނޫކުލައިގެ ލޮލުގެ ކުލަ ހުންނަ ފަރާތްތަކުގެ ސިފައެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ލޯބީގެ ގޮތުން ގުޅޭ މީހެއް ވާންޖެހޭނީ ވަރަށް ހަމަޖެހޭ، މައްސަލަތައް މަދު މީހަކަށެވެ. އެންކަމުން ނޫކުލައިގެ ލޯހުންނަ މީހުންނަކީ ގިނަ ބަޔަކު އެންމެ ބޭނުންވާ މީހުންނެވެ.