24 Feb 2011, 22:46
ދަށު ކޯޓުގެ ފަނޑިޔާރުންނަށް ވެސް ކައުންސިލަރުންނަށް ހުވާ ލައިދެވޭނެ ގޮތަށް، މާނަ ކުރުމުގެ ގާނޫނުގެ ބައެއް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ކައުންސިލްތަކަށް އިންތިހާބު ކުރެވޭ މީހުންނަށް އެމީހުންގެ މަގާމުތަކާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކޮށްގެން ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި މާނަ ކުރުމުގެ ހަމަތައް ބަލާ ގާނޫނުގައި ހުވައެއް ކުރުން ލާޒިމުވާ ކޮންމެ ފަހަރަކު އެ ހުވައެއް ކުރަންޖެހޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި ކަމަށް ބުނެފައިވާ ކަމަށާއި "ފަނޑިޔާރު ކަމަށް ބުނެފައި އެ ވަނީ ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް" ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ސުޕްރީމް ކޯޓުގެ ރޫލިންގައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ މާނަ ކުރުމުގެ ހަމަތަކުގެ ގާނޫނުގައި އެހެން ބުނެފައި އޮތް ނަމަވެސް ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ފަނޑިޔާރުން ކަމަށް ބުނެފައި އެ ވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުގައި ޝަރީއަތް ކުރުމަށްޓަކައި މީހުން ކަމަށް ސާފުބަހުން ބުނެފައިވާކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން މާނަ ކުރުމުގެ ގާނޫނުގައި ފަނޑިޔާރުންނަކީ ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ބުނެފައި އޮތުމަކީ ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ފަނޑިޔާރުން ކަމަށް މާނަކޮށްފައިވާ އޮތް އޮތުން ހަނިވާ ކަމެއް ކަމަށެވެ.
"... ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ހ. އާއި 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ހ. ގައި ފަނޑިޔާރު ކަމަށް ބުނެފައި އެ ވަނީ ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ބުނެފައިވާ ބަޔަކީ ބާތިލު ބައެއް،" އެ ރޫލިންގައިވެ އެވެ.
މީގެ އިތުރުން ބުނެފައި ވަނީ ކައުންސިލަރުން މަގާމާ ހަވާލުވެވޭނީ ފަނޑިޔާރުންގެ ކުރިމަތީގައި ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާއިރު އެ މާއްދާގެ ބޭނުމަށްޓަކައި ފަނޑިޔާރުންގެ މާނައިގެ ތެރޭގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ހިމެނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.