01 May 2015, 14:40
"އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާ ފަށަން ހަމަޖެހިފައިވާ ސަރަހައްދުން ތިން ވަޅިއެއް ފެނިއްޖެ އެވެ.
މިއަދު 2:00 އިން ފެށިގެން ފުލުހުން އެސަރަހައްދު ބަލައި ފާސް ކުރަމުން ދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެސަރަހައްދުން ތިން ވަޅިއެއް ފެނިފައިވާ ކަމަށެވެ.
"އެސަރަހައްދުން ތިން ވަޅިއެއް ވަނީފެނިފައި. އިތުރު ތަފްސީލް ޗެކްކޮށް ނިމުމުން އަޅުގަނޑުމެން ހާމަ ކުރާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގަސްތަކެއް ކައިރިން ފެނިފައިވާ އެ ވަޅިތަކަކީ ވަރަށް ގިނަ ދުވަސްތަކެއްވެފައިވާ ވަޅިތަކެކެވެ. ވަޅީގެ އިތުރުން ދަގަނޑު ބުރިތަކެއް ވެސް އެ ސަރަހައްދުން މިއަދު ވަނީ ފެނިފައެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ފަށަން ނިންމާފައިވާ އެމުޒާހަރާއަށް ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއިންވެސް ވަނީ މާލެ ގެނެސްފައެވެ.
އެ މުޒާހަރާއާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށް ނުބެލެވޭ ކަމަށެވެ.