ނިޔުޔޯކް (މޭ 1): ބިންހެލުމުގެ ސަބަބުން ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ނޭޕާލަށް، ހުއްޓުމެއްނެތި ތިންމަސްދުވަސްވަންދެން އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ކަމަށް އދ. ން ބުނެފި އެވެ.

އދ.ގެ މަސްއޫލުވެރިއެއް ކަމަށްވާ ގެމީ މެކްގޯލްޑްރިކް ވިދާޅުވީ، އޭޝިޔާގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޕާލަށް ބިންހެލުމުގެ ސަބަބުން ލިބިފައިވަނީ އެގައުމަށް ކައިރިމުސްތަގްބަލެއްގައި އަރައިގަނެވޭ ވަރަށްވުރެ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން ނޭޕާލުގައި މިހާރު ޙާލުގައި ޖެހިފައިވާ ދެ މިލިއަނެއްހާ މީހުންނަށް ހުއްޓުމެއްނެތި ތިންމަސްދުވަސް ވަންދެން އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. ން ވަނީ ނޭޕާލަށް މިހާރުން މިހާރަށް ބޭނުންވާ އެހީތައް ފޯރުކޮށް ދިނުމަށްވެސް 415 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ބުނެފައެވެ. މިފައިސާ އެއްކޮށްދިނުމަށް އެދި ދުނިޔޭގެ ގައުމުތަކަށް އދ. ން ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލަށް ހުއްޓުމެއްނެތި ތިންމަސްދުވަސް ވަންދެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން ބިލިޔަނެއްހާ އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އދ. ން އަންދާޒާ ކުރެއެވެ.

މިދިޔަ ހަފްތާގައި ނޭޕާލަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެގައުމުގެ ފަސްހާހަށްވުރެ ގިނަމީހުން މަރުވެފައިވާއިރު ދިހަ ހާސް މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއް ހަލާކުވެފައިވާއިރު މިކާރިސާގެ ސަބަބުން ދެމިލިޔަނަށްވުރެ ގިނަމީހުން އިންސާނީ އެހީއަށް ބޭނުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)