އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފަޑްރޭޝަން (އޭއެފްސީ) ގެ ރައީސް ކަމަށް މިހާރުގެވެސް ރައީސް ބަހްރެއިންގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝައިޚް ސަލްމާން ބިން އިބްރާހިމް އަލްޚަލީފާ އިންތިޚާބުކޮށްފި އެވެ.

ބަހްރެއިންގެ ވެރިރަށް އަދި ސަލްމާންގެ އަމިއްްލަ ރަށް ކަމުގައިވާ މަނާމާގައި ކުރިއަށްދާ ކޮންގްރެސްގައި މިއަދު އޭއެފްސީގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންނެވިއިރު އެމަޤާމަށް ކުރިމަތިލެއްވީވެސް ސަލްމާން އެކަންޏެވެ.

މިއަދު އޭއެފްސީގެ ކޮންގްރެސްއިން ވަނީ ފިފާގެ ނައިބުރައީސް ކަމުގެ މަޤާމު އަދާ ކުރެއްވުމުގެ ހުއްދަވެސް ސަލްމާނަށް ދެއްވާފައެވެ.

އޭއެފްސީ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

2013 ވަނަ އަހަރުގެ އޭއެފްސީގެ ރައީސްކަމާ ސަލްމާން ހަވާލުވެ ވަޑައިގެންނެވީ އޭއެފްސީގެ ކުރީގެ ރައީސް ޤަތަރުގެ މުޙައްމަދު ބިން ހައްމާމުގެ މައްޗަށް އުފުލުނު ކޮރަޕްޝަނާ ނާޒާއިޒު ފައިދާ ހޯދުމުގެ ޢަމަލުގައި ފީފާއިން އޭނާ ޢުމުރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ޙަރަކާތްތްތަކުން މަނާ ކުރުމާއި ގުޅިގެންނެވެ.

ސަލްމާންއަކީ ފީފާގެ މިހާރުގެ ރައީސް ސެފް ބްލެޓާގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އޭޝިއާގެ ގިނަ ފުޓްބޯޅަ އިދާރާތަކުގެ ވޯޓް ބްލެޓާއަށް ދޭން ނިންމުމުގައި ސަލްމާންގެ ދައުރު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭއެފްސީ ކޮންގުރެސްގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އޭއެފްސީއިން ވަނީ އެ އިދާރާއަށް ނައިބުރައީސުންގެ މަޤާމުތަކަށް ކެނޑިޑޭޓުން އިންތިޚާބުކޮށްފައެވެ.

އެގޮތުން އޭޝިއާ ފަސް ޒޯނުން ނައިބުރައީސުން އައްޔަންކޮށްފައިވެއެވެ.