24 Feb 2011, 22:22
ރާއްޖެ ބަދަލުވަމުން ދަނީ ވަރަށް ބާރަށް ކަމަށާއި، މީގެ ދެ މަސްކުރިން ރާއްޖޭގެ ޙަގީގަތްތަކާއި، މީގެ އަހަރު ދުވަސް ކުރިން ރާއްޖެ އޮތް ގޮތުގެ ޙަގީގަތަށް މިއަދާ ވަރަށް ތަފާތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ނިއުދިއްލީގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއަދުގެ ރާއްޖެ އޮތީ އިއްޔެ އޮތް ގޮތަށް ނޫން ކަމަށާއި، ބާރު ސްޕީޑުގައި ރާއްޖެ ބަދަލުވަމުންދާއިރު، ދަރިވަރުން ތައްޔާރުވަމުންދާންވީ އެ ބަދަލުތަކުގައި ޙިއްޞާވުމަށް ކަމަށެވެ. ބަދަލުތަކަށްޓަކައި ހުނަރާއި ޢިލްމާއި، ހޭލުންތެރިކަން ބޭނުންވާ ކަމަށާއި، ދުނިޔޭގެ ކަންކަން ހިނގާގޮތާމެދު ވިސްނުމަކީ ކޮންމެހެންވެސް ރާއްޖެއަށް ބޭނުންތެރިކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްވެސް ކަމެއްގައި ވިސްނުން ހަނިކޮށް ބަހައްޓައިފިނަމަ، އަމިއްލަ ހުށިޔާރުކަމާއި ނަފުސާއި ޖިސްމުގެ ކުޅެދުންތެރިކަމާއި ހުނަރުވެރިކަން އޮންނަނީ ރަނގަޅަށް ބޭނުން ނުކުރެވި ކަމަށެވެ. އަދި ވިދާޅުވީ ކަންކަމާ ފުޅާކޮށް ވިސްނުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، ޢާންމުކޮށް ކަމެއްގެ މައްޗަށް ދެކޭ ގޮތަކީ އަބަދު ޙަޤީޤަތަކަށްވާމް ނުޖެހޭ ކަމަށެވެ.