30 Apr 2015, 23:16
ގުދަނަކަށް ވައްދަން އުޅެނިކޮށް ރޭ އަތުލައިގަތް ބަނގުރާ ފުޅިތަކާ މާބްލް ހޮޓަލާއި ގުޅުން ހުރި ކަމަށް ބެލެވޭތީ އެ ހޮޓަލާ މެދު ފިޔަވަޅު އެޅުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ރޭ ގުދަނަކަށް ވައްދަނިކޮށް އަތުލައިގަތް 106 ފުޅި ބަނގުރަލާ މާބްލް ހޮޓަލާ ގުޅުން ހުރި ކަމަށް ބެލެވޭތީ އެ ހޮޓަލާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
ޓެކްސީއެއްގެ ޑިކީގައާ ފަހަތު ސީޓުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާބުލް ގެސްޓު ހައުސް ކައިރީގައި ހުންނަ ގުދަނަކަށް ވައްދަމުން ދަނިކޮށް އަތުލައިގެންފައި ވަނީ ރޭ 8:15 ހާއިރު އެވެ. މި މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާބްލް ހޮޓާ ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާފުޅިތައް އަތުލައިގަތީ މާބްލް ހޮޓެލް ކައިރީގައި ހުންނަ އެ ހޮޓެލްގެ މެއިންޓެނެންސް މަސައްކަތުގައި ބޭނުންކުރާ ގުދަނެއްގެ ތެރެއަށް އެތަކެތި ވެއްދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން އެ ހޮޓަލުގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި އެތަކެތި އުފުލި ޓެކްސީ ޑްރައިވަރު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މިއަދު ދީފައެވެ.