01 May 2015, 11:15
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ޢަބްދުﷲ "މިއަދު" ސިފަކުރަމުން ވިދާޅުވީ "މޭ އެކެއްގެ ރޭގަނޑު 9 ޖަހާއިރު، ރައީސް ޔާމީނެއް ނުހުންނަވާނެ އަނިޔާވެރިކަމުގައި،" އަދި "އެރޭ 9 ޖަހާއިރު ރައީސް ޔާމީން ސުލްހައިގެ މޭޒު ދޮށަށް އައުން ނޫންގޮތެއް ނޯންނާނެ" ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ދައުވަތަށް ސަރުކާރު ތަބާވާން މަޖުބޫރު ކުރުވާނެ ކަމުގެ އިންޒާރު އިމްރާން އެވަނީ ދެއްވާފައެވެ.
އިމްރާނުގެ އެވާހަކަތަކަށް ޖަވާބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، ވަކި ވަގުތެއް ބުނެ މަޝްވަރާއަށް ގެންދަވަން ނުޖެހޭ ކަމަށާއި އެމަނިކުފާނުގެ ފަރާތުން މަޝްވަރާ ކުރައްވާނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރަންޖެހޭނީ ރައީސް ޔާމީން ކަމަށް ވިދާޅުވެ އަދީބާ މަޝްވަރާ ކުރެއްވުމަށް އިމްރާން ވަނީ ދެކޮޅު ހައްދަވާފައެވެ.
އަނެއްކާވެސް ތާރީހެއް ބުނެ މިއަދު އެ ނުކުންނަނީ އެވެ. ފެބްރުއަރީ 27 ގައިވެސް ހަމަ އެގޮތަށް ނުކުތެވެ. އެފަހަރު ނުކުތީ ފޯރިއަރުވާފައި ސަރުކާރު "ސައިޒު ކުރުމަށް" ކަމަށް ބުނެއެވެ. ސަރުކާރަށް އެތައް އިންޒާރެއް ދިނެވެ. އެތައް ގޮތަކުން އެ އެއްވުން ވެސް ޕްރޮމޯޓް ކުރި އެވެ. އެހެން ނަމަވެސް އާހިރުގައި، އާންމުކޮށް މިބާއްވާ ސިޔާސީ އެއްވުންތަކުގައި މީހުން އެއްވާވަރަށްވުރެ އަދަދު ގިނަކޮށްލުމުގެ އިތުރުން ދެން ކުރެވުނު އެއްކަމެއް ވެސް ނެތެވެ. ހަމަ 6:30 ވުމާއެކު ގިނަ ބަޔަކު މިސްރާބުޖެހީ ގެއަށް ވަނުމަށެވެ. އެފަހަރު ނުކުތީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ އެވެ.
އެ އެއްވުމަށްފަހު ސިލްސިލާ މަގުމަތީ ހަރަކާތްތަކެއް ބޭއްވުމަށްފަހު އަނެއްކާވެސް މިވަނީ އެފަދަ އެއްވުމެއް ރާވާފައެވެ. ބައެއް ފަރާތްކުން ސިފަކުރާ ގޮތުގައި މިއަދުގެ އެއްވުމުން ނަތީޖާ ނެރެވޭނެ އެވެ. އަނެއް ބަޔަކު ބުނަނީ މި އެއްވުން ވެސް ވެގެންދާނީ "ސައިބޯނި ބޮތްކަކަށް" ކަމަށެވެ.
މިއަދު މި ބާއްވާ އެއްވުމާއި ފެބްރުއަރީ 27 ގައި ބޭއްވި އެއްވުމުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. މިފަހަރު މުޒާހަރާއަށް އެ ނުކުންނަނީ ބައިމަދު، ނަމަވެސް ފޯރިއަރުވާ އަދާލަތު ޕާޓީއާވެސް އެކުއެވެ. އެންމެ ބޮޑު ތަފާތަކަށް ފެންނަނީ އެކަމެވެ. މިއަދުގެ އެހަރަކާތް އެފަށަނީ ސިހުން ގެނުވާފަދަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ސިގްނަލްތައް ދެމުންނެވެ. "އަނިޔާވެރިކަން" ނިންމާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. ފޯރިއަރާފަދަ، ނުވަތަ ރައީސް ޔާމީން އެއް މޭޒު ދޮށަށް ގެންނާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް ކުރާނެ ކަމެއްގެ މާކަ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެބޭފުޅުންގެ އަމާޒަކީ ވެރިކަން ވެއްޓުން ތޯ ނުވަތަ ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުންތޯ މިވެސް ހައްތަހާވެސް ސުވާލެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއެކު މިއަދު ބާއްވާ އެއްވުމުގައި ހިނގައިގެން ދާނެ ކަންތައްތަކާ ގުޅޭގޮތުން އެ ޕާޓީތަކުން ރަސްމީކޮށް އެއްޗެއް ހާމައެއްކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފަހު ވަގުތު ބުނެފައިވަނީ މިއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށެވެ. ނަމަވެސް މުޒާހަރާއަށް އައުމަށް ވަކި ކަހަލަ އެއްޗެހި ތަކެއް ގެނައުމަށް އަންގާފައިވުމުން މުޒާހަރާ ދިގު ދެމިގެންދާނެ ކަމަށް ބެލެވެއެވެ. އެކަން އެހެންއޮވެ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެ ވިދާޅުވާ ނަތީޖާ ނެރޭނީ ކިހިނެއްބާ އެވެ؟ އެ ވިދާޅުވާ އެއް މޭޒެއްގެ ދޮށަށް ރައީސް ޔާމީން ގެންދަނީ ކިހިނެއްބާ އެވެ؟
ބައެއް މަސްދަރުތަކުން އެއްކުރެވުނު މައުލޫމާތުން ކޮންމެވެސް ވަރަކަށް މިއަދުގެ ޕްލޭން ތިލަ ކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމެވެ. މިއީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފަންޑުކޮށްގެން ބާއްވާ އެއްވުމެއް ކަމަށް ސަރުކާރުން ތުހުމަތު ކުރާއިރު ބައެއް އެހެން މަސްދަރުތަކުން ދަނީ މިއީ ރާއްޖޭން ބޭރުގެ ފަންޑެއްގެ ދަށުން ހިންގާ ކަމެއް ކަމަށްވެސް ތުހުމަތު ކުރަމުންނެވެ. އެއީ ތޯތޯ ވާހަކައަކަށްވެސް ވެދާނެ އެވެ. ނަމަވެސް އެއީ ދެކެވޭ ވާހަކައެކެވެ.
އެހެން އެއްވުންތަކާ ޚިލާފަށް މި އެއްވުމަށް ބޮޑު ޕްލޭންތަކެއް ހެދިފައިވާ ކަމަށް ބެލެވެއެވެ. އެގޮތުން ނަތީޖާ ނެރުމަށް ޕްލޭން އޭ، ބީ، ސީ އިން ފެށިގެން ޑީ އާއި ހަމައަށްވެސް ޕްލޭން އޮތީ ރޭވިފައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ކުރިން އަސްކަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ބައެއް ފަރާތްތަކުގެ ރޭވުންތަކުގެ މަތިން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވާނެ ކަމަށްވެސް ބުނެވެއެވެ. އެ ގްރޫޕުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ފުލުހުން މަގު ބަންދުކުރާ ސަރަހައްދަކަށް އެއްވެ ޝުއޫރު ފާޅުކުރުން ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ހަމަނުހުމެއް ހިންގަން ސީދާ ޕްލޭންކޮށްފައި ނެތަސް ބައެއް އެކްޓިވިސްޓުން ލޭކެކުން އެއީ އެންމެ ގާތްކަމެކެވެ.
އެއްވުންތަކުން ނަތީޖާއެއް ނުނިކުންނަ ކަމަށް ބެލެވޭނަމަ ސިޔާސީ ހަރަކާތްތައް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ހިންގާނެ ކަމަށް ބެލެވެއެވެ. އަދި އެއްވުންތަކުން ނަތީޖާއެއް ނުނިކުމެއްޖެ ނަމަ ގައުމަށް ވަރަށް މުހިންމު ބައެއް ދާއިރާތަކުން ވަޒީފާއަށް ނުނިކުމެ ތިބުމަކީވެސް ކުރަން ރޭވިފައިވާ ކަމެއް ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުދެއެވެ.
ހަމައެއާއެކު ސަރުކާރާއި އެއްކޮޅު އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އިސް ފަރާތެއްގެ ގަރާރެއް އެ އެއްވުންތަކާ ގުޅޭގޮތުން އިއްވައި، ރައީސް ޔާމީން ސުލްހައިގެ މޭޒަށް ވަޑައިގަތުމަށް އެބޭފުޅާ ލައްވައި ގޮވާލެއްވުމަށް ރޭވިފައިވާ ކަމަށްވެސް ތުންތުން މަތިން ވާހަކަދެކެވެއެވެ. އެކަން އެހެން ވެއްޖެ ނަމަ ރައީސް ޔާމީން އެއްމޭޒެއްގެ ދޮށަށް ގެންދެވިދާނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.
ނަމަވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމުން ވަނީ ބުނެފައެވެ.
މިއެއްވުމުގެ އަނެއް މަގުސަދު ކަމަށް ބެލެވެނީ ޔޫރަޕިއަން ޔޫނިއަންގައި މިހާރު ރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރުތައް ފާސްކުރުމަށް ދޭ ހިތްވަރަކަށް ހެދުމެވެ. ރައްޔިތުންގެ ބިޔަ ބޮޑު ސަފުތައް ދައްކައި ސަރުކާރާ ދެކޮޅަށް އެތައް ބަޔަކު ތިބިކަން ރާއްޖޭން ބޭރަށް ދެއްކުމަކީ މަގުސަދެއް ކަމަށް ބެލެވެއެވެ. މާލޭގައި މި އެއްވުން ބާއްވާކަން ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އިއްޔެ ވަނީ އެމެރިކާގައި އެގައުމުގެ ނޫސްވެރިންގެ ކުރިމަތީގައި އިއުލާން ކުރައްވާފައެވެ.
މިއަދު ބާއްވާ އެއްވުމަކީ ބައި ގިނަ އެއްވުމަކަށް ވާނެ ކަމާމެދު ޝައްކެތް ނެތެވެ. މާލޭގައި ތިބި ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ އިތުރުން އަތޮޅުތެރެއިން މާލެއަށް އައުމަށް 5000 އަށްވުރެ ގިނަ މީހުން ނަން ނޯޓްކުރި ކަމަށް ބުނެއެވެ. އޭގެ ތެރެއިން ތިން ހާހާ ގާތް ކުރާ އަދަދަކަށް މީހުން މުޒާހަރާއަށް މާލެ އަރާނެ ކަމަށް ބެލެވެއެވެ. ރަސްމީ ހައިސިއްޔަތުން ކަމަށް ބުނެ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަގާމްތަކުގައި ތިބި ފަރާތްތަކުން މިވަގުތުވެސް މާލޭގައި ގިނަ އަދަދަކަށް ހަރަކާތްތެރިވާ ކަމަށް ބުނެވެއެވެ.
އެއްވުން ރޭވުމާއި އިންތިޒާމަށް ބަލާއިރު މުޅިންވެސް މިފެންނަނީ އަދާލަތު ޕާޓީ އިސްސަފުގައި ކުރާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މުޒާހަރާގެ ރޭވުންތަކުގެ އެންމެ ބޮޑު ދައުރެއް ކުޅެނީ އެމްޑީޕީން ކަމަށާއި އަދާލަތަކީ މީޑިއާއަށް ކަންކަން ހާމަ ކުރުމުގެ ޓާސްކު ހަވާލުކޮށްފައިވާ ޕާޓީ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު މި އެއްވުމަކީ ޕްލޭނާ އެއްގޮތަށް ދާ އެއްވުމެއް ނަމަ ސަރުކާރަށް ބޮޑު ޕުރެޝަރެއް ކުރިމަތި ކުރުވާނެ އެވެ. އެހެންކަމުން މިއީ ވެރިކަން ވައްޓާލުމަށް އެއްވާ އެއްވުމަކަށްވުރެ ވެރިކަން ކުރާ ފަރާތްތަކަށް ޕުރެޝަރެއް ދީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރާ ޑިމާންޑުތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެއްވުމެއްކަމަށް އެ ޕްލޭންތަކާއެކު އިދިކޮޅު ފަރާތްތަކުން އުންމީދު ކުރެއެވެ.
މިއަދުގެ އެއްވުމަކީ މިހާތަނަށް ވެސް ޕްރެޝަރެއްކަން ސަރުކާރުގެ އަމަލުތަކުންވެސް އެބަ ހާމަވެއެވެ. ފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ކުރިއާ ހިލާފަށް މީޑިއާއިން ގިނަގިނައިން ފެންނަމުން ދިޔަދިއުމާއި ސަރުކާރުގެ ވެރިންނާއި ޕީޕީއެމްގެ އިސްވެރިން ބޭއްވި ބައްދަލުވުންތަކުންވެސް ޕްރެޝަރެއް މިކަމުގައި އުޅޭކަން ހާމަކޮށްދެއެވެ. ނަމަވެސް ރައީސް ޔާމީން މަޝްވަރާއަށް ވަޑައިގަތުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ މަންޒަރެއް ނުފެނެއެވެ.
ފެބްރުއަރީ 27ގެ އެއްވުމަށް ވެސް ސަލާމަތީ ބާރުތަކުން ފުރިހަމައަށް ތައްޔާރުވެފައި ވެފައިވެއެވެ. މުޒާހަރާއާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި ބޭނުންކުރާ ހަތިޔާރުތައް ޓެސްޓުކުރިއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ އެހެން އެއްވުންތަކަށް ފުލުހުން ވި ތައްޔާރީއަށްވުރެ މިފަހަރު ވެފައިވާ ތައްޔާރީ އެތައް ގުނައެއް އިތުރުކަމަށް ފެންނަފެނުމަށް ބެލެވެއެވެ. ހަމައެހެންމެ ފުލުހުން ބޭއްވި އެތައް ނޫސްވެރިންގެ ބައްދަލުވުމެއްގައާއި ހާމަކޮށްފައިވާ މައުލޫމާތުންވެސް މި އެއްވުން ސީރިއަސް މިންވަރު ހާމަވެއެވެ. ފުލުހުން މި މުޒާހަރާ ސިފަ ކުރަނީ ބޮޑު ހަމަނުޖެހުމެއްގެ ގޮތުގައެވެ.
"ބައެއް ތަންތަނުގައި ހުޅުޖެހުމާއި މުޒާހަރާގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވެއްޖެނަމަ ބައެއް މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް އިތުބާރު ހުރި ގޮތަކަށް ވަނީ ލިބިފައި،" ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވިއެވެ.
ނަވާޒު ވިދާޅުވީ، ސިޔާސީ ކަންކަމާއި ގުޅިގެން ރަށުތެރޭގެ ހަމަނުޖެހުން ނަގާލައި މުދަލަށް ގެއްލުންދީ ހަދާނަމަ މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލާނީ "ޒީރޯ ޓޮލަރެންސް"ގައި ކަމަށެވެ. އެފަދަ ހާލަތުގައި ފުލުހުން ކަންކުރާނީ ވަކިފަރާތަކަށް ވަކި ގޮތަކަށް ބެލުމެއް ނެތި ކަމަށް ނަވާޒު ވިދާޅުވި އެވެ.
ކޮންމެއަކަސް މި ބެލެވެނީ މިއަދުގެ އެއްވުމަކީވެސް ކޮންމެވެސް ވަރެއްގެ ޕްރެޝަރަކަށް ވިޔަސް ބޮޑަށް ޝުއޫރު ފާޅުކުރުމުގެ ހަރަކާތަކަށް ނޫނީ ނުވާނެ ކަމަށެވެ. ރައީސް ޔާމީން މަޝްވަރާގެ މޭޒަށް ނުގެންދެވިއްޖެ ނަމަ އިދިކޮޅު ފަރާތްތަކުންވީ ވައުދު ނުފުއްދުނީ އެވެ.