މ. މުލަކު ބަނދަރު ސަރަހައްދުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުނުވެ ގޮސް މޫދަށް ވެއްޓިއްޖެ އެވެ.

މުލަކުން ވާހަކަ ދެއްކި މީހަކު މިރޭ ސަން އަށް ބުނީ އެ ހާދިސާ ހިނގީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި އޭރު ޕިކަޕް ތެރޭގައި ދެ މީހަކު އަދި ބޭރުގައި އެކަކު ހުރި ކަމަށެވެ.

މުލަކު ބަނދަރު ސަރަހައްދަށް ވެއްޓުނު ޕިކަޕް ނެގުމުގެ މަސައްކަތް ކުރަނީ:ފޮޓޯ--ކިޔުންތެރިއެއް

ނަމަވެސް އެއްވެސް މީހަކަށް މާބޮޑު ސީރިއަސް އަނިޔާތަކެއް ނުލިބި ތިން މީހުން ވެސް ސަލާމަތްވެފައިވާ ކަމަށް އެމީހާ ބުންޏެވެ.

"ޕިކަޕް ތެރޭ ތިބި ދެމީހުން ނެރެއްޖެހުނީ އެއްގަމުގައި ތިބި ބަޔަކު ގޮސް ޕިކަޕްގެ ދޮރު ހަލާކުކޮށްލައިގެން. މާބޮޑު އަނިޔާއެއް އެމީހުންނަށް ވެފައެއްނުވޭ،" ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ބަނދަރު ސަރަހައްދަށް ވެއްޓުނު ޕިކަޕަކީ އެ ރަށުގައި ތެޔޮވިއްކާ ބައެއްގެ ވެހިކަލެއް ކަމަށެވެ. ނަމަވެސް ބަނދަރުތެރެއަށް ޕިކަޕު ވެއްޓުނު އިރު، ޕިކަޕުގައި އެއްވެސް މުދަލެއް ނެތް ކަމަށް ވެސް އެމީހާ ބުންޏެވެ.

މުލަކު ބަނދަރު ސަރަހައްދަށް ވެއްޓުނު ޕިކަޕް ނެގުމުގެ މަސައްކަތް ކުރަނީ:ފޮޓޯ--ކިޔުންތެރިއެއް

ޕިކަޕު ނަގާފައި ވަނީ މިއަދު މެންދުރު 11:30ގައި ފުލުހުންނާއި ރައްޔިތުންގެ އެހީތެރިކަމާ އެކު ކަމަށް ވެސް އެމީހާ ބުންޏެވެ.