30 Apr 2015, 22:03
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަންގެ މަގާމަށް އިބްރާހިމް އުމަރު މަނިކު ހޮއްވަވައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ހަލީލު ހޮއްވަވައިފި އެވެ.
ޗެއާޕާސަންގެ މަގާމަށް ހޮއްވެވި މަނިކަކީ ޕީއެސްއެމް ގާނޫނުގެ ދަށުން އުވާލީ ޕަބްލިކް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ބޯޑުގެ ޗެއާމަނެވެ. އަދި ހަލީލަކީ ކުރީގެ އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރެވެ.
ޕީއެސްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރީ މިރޭ ބޭއްވި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ކަމަށެވެ. އަދި އެ ބޭފުޅުން އެ މަގާމުތަކަށް އިންތިހާބު ކުރީ ބޯޑުގެ މެމްބަރުންގެ އިހްތިފާގުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޕީއެސްއެމް ބޯޑު ބައްދަލުވުމުގައި އެ ކުންފުނީގެ ވައިސް ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ އިބްރާހިމް ހިލްމީ އެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހޮވިވަޑައިގެންނެވީ މުހައްމަދު އިކްރާމް އަބްދުއްލަތީފާއި ޝާޔަން ޝާހިދެވެ.
ޕީއެސްއެމްގެ އިސް މަގާމުތަކަށް މިރޭ ހޮއްވެވި ބޭފުޅުންނަކީ މަޖިލީހުން ރުހުން ލިބިގެން، ޕީއެސްއެމްގެ ބޯޑަށް އައްޔަންކޮށްފައިވާ މެމްބަރުންނެވެ.
ޕީއެސްއެމް ބޯޑުގައި ހިމެނެނީ މަނިކާއި ހަލީލު އަދި އިބްރާހިމް އިލްމީ އާއި އިކްރާމް އާއި ޝާޔަން އާއި ވީމީޑިއާ ގްރޫޕުގައި ހާމަނޫހާއި ވީމީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި، މއ. ޕެންޒީ މުހައްމަދު ޝާގިލެވެ.
ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެހެން ކަމުން އެމްޑީ އަށް ޖުމްލަ 40،000 ރުފިޔާ މަހެއްގެ މައްޗަށް ލިބެ އެވެ.
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިގެ ގޮތުގައި 24،000 ރުފިޔާ ކަނޑައަޅާފައިވާ އިރު ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14،000 ރުފިޔާ އެވެ. ޖުމްލަ 38،000 ރުފިޔާ އެވެ.
ގަވާނިން ބޯޑުގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަންގެ މަގާމަކީ ޕާޓްޓައިމް މަގާމެއްގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. އެލަވަންސްގެ ގޮތުގައި ޗެއާޕާސަނަށް 15،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ އިރު ވައިސް ޗެއާޕާސަނަށް ލިބެނީ 13،000 ރުފިޔާގެ އެލެވެންސެކެވެ.
ގަވާނިން ބޯޑުގެ މެމްބަރުންނަކީ ވެސް ޕާޓްޓައިމް ބަޔަކަށްވާ އިރު، އެބޭފުޅުންނަށް ދިނުމަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައި ވަނީ 10،000 ރުފިޔާ އެވެ.