30 Apr 2015, 22:39
ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރުމަށާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އެމްޑަބްލިއުއެސްސީ އިން އުފައްދާފައިވާ "ފެން ޕައިޕް" މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެކަމަށް ޓަކައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފެން ޕައިޕް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ އިސް ވެރިންނާއި ދައުލަތު ބައެއް ވަޒީރުން ބައިވެރިވި އެވެ.
ފެން ޕައިޕް އަކީ ކ. ގުޅީފަޅުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ފެކްޓަރީގައި އުފައްދާ ޕައިޕެކެވެ. އެ އުފެއްދުން އެމްޑަބްލިއުއެސްސީގައި އުފައްދަނީ ޕައިޕް އިފެއްދުމުގައި މަޝްހޫރު ޔޫރަޕްގެ ކުންފުންޏެއް ކަމަށްވާ "ވާވިން" ކުންފުނީގެ ލައިސަންސް ލިބިގެންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެ އުފެއްދުމުގެ ސަބަބުން ސަރުކާރުން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ އުފެއްދުމަކީ އިތުބާރު ހުރި ކޮލިޓީ ރަނގަޅު އުފެއްދުމެއް ކަމަށް ފަޒުލް ވިދާޅުވި އެވެ.
ފެން ަޕައިޕް އިފްތިތާހު ކުރުމަށް ބޭްއވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަލީ ނަސީރު
"ރާއްޖެ އަށް ގިނައިން އެތެރެކުރާ ޕައިޕްތަކަކީ ލެބޯޓަރީ ޓެސްޓުތަކެއް ހެދިގެން އެތެރެކުރެވޭ އުފެއްދުންތަކެއް ނޫން. ނަމަވެސް އެމްޑަބްލިއުއެސްސީގެ މި އުފެއްދުމަކީ ލެބޯޓަރީ ޓެސްޓް ހެދިގެން މާކެޓަށް ނެރެވޭ އުފެއްދުންތަކެއް. އޭގެ ނަތީޖާއަކަށް ވާނީ ޕްރޮޖެކްޓްތަކުގެ ޔަގީންކަން އިތުރުވެ މުއްދަތު ދެމިގެން ދިޔުން،" ފަޒުލް ވިދާޅުވި އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެ ފެކްޓްރީ އަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތައް ބޭނުންކޮށްގެން އުފައްދާފައިވާ ފެކްޓަރީއެއް ކަމަށެވެ. އެހެންކަމުން އެތަނުން އުފައްދާ އުފެއްދުންތަކަކީ ކޮލިޓީ ރަނގަޅު އުފެއްދުމަކަށް ވާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އިން އިސްނަގައިގެން ކުރި އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ސަރުކާރުން ކުރިއަށްގެންދާ އެކިއެކި މަޝްރޫތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.