30 Apr 2015, 21:32
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ދޫކޮށް ނުލަނީސް ވަކީލުންގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ މައްސަލަ އދ. އަަށް ހުށަހެޅުމުގެ ކުރިން ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއާއެކު އެމެރިކާގެ ވޮޝިންޓަންގެ ނެޝަނަލް ޕްރެސް ކްލަބްގައި ވާހަކަފުޅުދައްކަވަމުން އަމާލް ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ރައީސް ޔާމީނަށް އެމެރިކާއިން ޕްރެޝަރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނަވާއިރު އެންމެ ކަންބޮޑުވެ ވަޑައިގަންނަވަނީ ރައީސް ނަޝީދުގެ ސިއްހީ ރައްކާތެރިކަމާ ދޭތެރޭ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަށް ވަޑައިގަތް އެކަމަނާ ވަޑައިގަތީ އދ. އާއި އިނގިރޭސި ވިލާތާއި އިންޑިއާ އާއި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯއްދެއްވުމަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއާ ގުޅޭ ގޮތުން ވެސް ލައިލާ ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން މާދަމާގެ މުޒާހަރާ އަށް އަތޮޅުތަކުން މީހުން އަންނަމުންދާ ކަމަށް ލައިލާ ވަނީ ފާހަގަކުރައްވާފައި އެވެ. އަދި ވިދާޅުވީ މާދަމާގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް އެކުލަވާލާފައި ވަނީ މި މަހުގެ ކުރީ ކޮޅުގެ ތެރޭގައި އެވެ. ނަޝީދުގެ އޮފީހުން ބުނީ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމްގެ ފަރާތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.