"އަނިޔާވެރިކަން ނިންމުމަށް" ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބާއްވާ އެއްވުމުމުގެ ނޯޓިސް އަދާލަތު ޕާޓީގެ ކަމާބެހޭ މަޖިލީހުން ކަނޑައަޅައި، އެ ފަރާތްތަކުގެ ސޮޔާއެކު ނޯޓިސް އަލުން ފޮނުވައިދިނުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން އެގޮތަށް އެދިފައި ވަނީ އިމްރާނަށް މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ. އެ ސިޓީ ފޮނުވާފައި ވަނީ މާދަމާ މާލޭގައި ބާއްވާ އެއްވުމުގެ ނޯޓިސް، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސޮއި ކުރައްވައި، ފުލުހުންނަށް ހުށަހެޅުމުން އޭގެ ޖަވާބެއްގެ ގޮތުގަ އެވެ. އެ ސިޓީގައި ފުލުހުން ވަނީ މާދަމާގެ އެއްވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.

އަދާލަތު ޕާޓީގެ ރައީސަށް ފުލުހުން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ މާދަމާ ބާއްވާ އެއްވުން ސުލްޙަވެރި ގޮތުގައި ނުދާނެ ކަމަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. ނަމަވެސް އަދާލަތުން އިންތިޒާމް ކުރާ އެއްވުމަކީ ޞުލްޙަވެރި އެއްވުމެއް ކަމަށް އިމްރާން ފޮނުއްވެވި ސީޓީގައި ދީފައިވާ މައުލޫމާތުތަކަށް ބަލައި އެ އުސޫލުން ކުރިއިށް ގެންދިއުމަށް އެދޭ ކަމަށެވެ.

މާދަމާގެ މުޒާހަރާއާ ގުޅޭ ގޮތުން ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތަކެއް އޮން އިރު، އެއްވުމުގެ ޒިންމާ އަދާލަތުން ނަގާ ގޮތަށް، ހަމަ އެކަނި އަދާލަތު ޕާޓީގެ ރައީސް ސޮއިކުރައްވައި އެދިވަޑައިގަތުމުގެ ބަދަލުގައި އަދާލަތުގެ ކަމާބެހޭ މަޖިލީހުން ކަނޑައަޅައި އެއްވުމުގެ ނޯޓިސް ފޮނުވައި ދިނުމަށް އެދޭ ކަމަށް ފުލުހުންގެ ފޮނުވި ސިޓީގައިވެ އެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނާ އިންތަކުގެ ތެރޭގައި ބާއްވާ އެއްވުންތައް ކަމުގައި އިމްރާން ފޮނުއްވެވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއާ ޚިލާފަށް ހިންގާ ޙަރަކާތްތަކާއި އަދި ނޯޓިސްގައި ބަޔާންކޮށްފައިވާ ސަރަޙައްދުތައް ނޫން އެހެން ސަރަޙައްދުތަކަށް އެއްވުމުގެ ބައިވެރިންދާނަމަ އެ އެއްވުމަކީ ޞުލްޙަވެރި އެއްވުމެއް ނޫން ކަމަށް ބަލާނެ ކަމަށް ފުލުހުންގެ ސިޓީގައި ބުނެފައިވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން އެއްވުން އިންތިޒާމް ކުރާ ފަރާތުން އުފުލަންޖެހޭ ޒިންމާތައް އުފުއްލަވަން ޖެހޭނެ ކަމަށް އެއްވެއުޅުމުގެ ގާނޫނުގައި ލާޒިމްކޮށްފައި ވާތީ، އެ ޒިންމާ އަދާލަތު ޕާޓީން އުފުލަން ޖެހޭނެ ކަމަށް ފުލުހުން ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.

މާދަމާ މަޤްރިބް ނަމާދާއި އިޝާނަމާދާއި ދޭތެރޭ އެއްވުމާއި ގުޅޭ އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދިއުމަށާއި އެރޭގެ 23:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރުމަށާއި، ލަސްވެގެން މާދަމާ ރޭ މެންދަމު 12:00 އަށް އެއްވުން ނިންމާލަން ޖެހޭނެ ކަމަށް ފުލުހުންގެ ސިޓީގައި ވަނީ އަންގާފަ އެވެ.

އެ ސީޓީގައި އިތުރަށް ބުނެފައި ވަނީ ސްކޫލުތަކާއި މިސްކިތްތައް ހުންނަ ސަރަޙައްދުގައި އެއްވުމުގެ ޙަރަކާތްތައް ހިންގަމުންދާއިރު އެފަދަ ތަންތަނުގައި އެއްވުން ބޭއްވުމުގައި ޢަމަލު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހޭނެ ކަމަށެވެ.

މާދަމާ އެއްވުން ބާއްވާނެ ކަމަށް އަދާލަތުން ފުލުހުންނަށް އަންގާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެއްވުމުގެ ހަރަކާތްތައް ހިނގަމުންދާ ދިއުމުގައި ވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއްވެސް ޙަރަކާތެއް ހިންގާނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމަށާއި އެއްވުމުގެ ކުރިން ވެސް އަދި އެއްވުމުގެ ފަހުން ވެސް، އެއްވުމުގެ ބައިވެރިން ހިންގާ ޤާނޫނާއި ޤަވާޢިދާ ޚިލާފް ޢަމަލުތަކުގައި އުފުއްލަވަންޖެހޭ ޤާނޫނީ ޒިންމާ އަދާލަތު ޕާޓީން އުފުއްލަވަން ޖެހޭނެ ކަމަށް ވެސް އަދާލަތު ޕާޓީއަށް ފުލުހުން ފޮނުވި ސިޓީގައި ވަނީ އަންގާފަ އެވެ.