14:30


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކޮން އަކީ ފާހިޝް ކަންކަމަށް މަގުފަހިވާ ގޮތަށް، ހަޑިހުތުރު ބަހުރުވައިން، ލަވަކިޔާ މީހެއް ކަމަށް ބުނެ، އޭނާ ރާއްޖެ ގެންނަން އުޅޭތީ އިސްލާމިކް މިނިސްޓްރީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އިސްލާމިކް މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ ސްރީލަންކާގައި ކޮންސެޓެއް ދޭން އެ ގައުމަށް ދާން އުޅުމުން، ލަންކާއިން ވެސް ވިސާ ނުދީފައިވާ މީހަކު މި ޤައުމަށް އެރުވުމަކީ އޭނާ އަށް ޤަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އަދި އަހުލާގީ ފެންވަރު ދަށް، ހަޑިހުތުރު ބަހުރުވައިން، ފާހިޝް ކަންކަމަށް މަގުފައިވާ ގޮތަށް ލަވަކިޔާ މީހަކަށް ވާގިވެރިވެ، ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެ ކަމަށް ސްޕޮންސަރ ދިނުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.


އޭކޮން ރާއްޖޭގައި ކޮންސެޓެއް ދީފިނަމަ، ދިވެހިންގެ ހިތުގައި ދީނާ މެދު އުފެދިފައިވާ ލޯބި އަދި ދިވެހިންގެ ސްލޫކީ އަހުލާގަށް މިއަދަށްވުރެ، ހަޑި ސިފައެއް ޖެހިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ މީޑިއާ އާއި އެހެނިއެހެން އަމިއްލަ މީޑިއާތަކުން އެ އިވެންޓް ލައިވްނުކުރުމަށާއި އެ ކަމަށް ވާގިވެރިނުވުމަށް ޝަހީމް އެދިވަޑައިގެންނެވި އެވެ.