30 Apr 2015, 21:00
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރިހެބިލިޓޭޝަން ފަރުވާ ހޯދުމުގައި 16،00 އަށް ވުރެ ގިނަ މީހުން ތިބިއިރު، އޭގެތެރޭގައި ނުރައްކާތެރި 150 ކުށްވެރިން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޑްރަގް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ރިހެބިލިޓޭޝަން ފަރުވާ ހޯދުމުގައި ތިބި ނުރައްކާތެރި 150 ކުށްވެރިންނާ މެދު ގާނޫނީ ގޮތުން އެޅެން ހުރީ ކޮން ކަހަލަ ފިޔަވަޅުތަކެއްތޯ ބަލަމުން އަންނަ ކަމަށެވެ.
"މުޅި ރިހެބިލިޓޭޝަންގެ ނިޒާމްގައި ގާތްގަނޑަކަށް އެބަތިބި އަޅުގަނޑު އެންމެ ފަހުން ހިސާބުތައް ހަދާލިއިރު، 16،00 އަށް ވުރެ ގިނަ މީހުން. އެއީ ޕްރޮސިކިއުޓާ ޖެނެރަލް މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން ފެށިގެން ގޮސް އޭގެތެރެއިން ނިމި ކޮމިއުނިޓީ ސާވިސްއާ ހަމައަށް ގޮސް. ކޮމިއުނިޓީ ސާވިސް ނިމޭ ހިސާބުގައި ތިބި ޖުމްލަ އަދަދު ގާތްގަނޑަކަށް. މީގެ ތެރޭގައި އެބަތިބި ގާތްގަނޑަކަށް 150 ނުރައްކާތެރި ކުށްވެރިން. އެމީހުންނާ މެދު ގާނޫނުގެ ތެރެއިން އެޅޭނީ ކޮން ފިޔަވަޅެއްތޯ ބަލާނަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކޯޓުގެ ބައެއް ގާޒީން ---- ސަން ފޮޓޯ/ އަހްމަދު އާޒިފް
ހޯމް މިނިސްޓަރު ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ އިތުރުން ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރުތަކަކީ ވެސް ގާނޫނީ ގޮތުން ކޮންމެހެން ގާއިމްކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އެކަން ވަނީ ނުކުރެވި ކަމަށެވެ. އެހެންކަމުން 100 މީހުންގެ ޖާގައިގެ ރިމާންޑު ސެންޓަރެއް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ގާއިމް ކުރާނަން. އެންމެ މަދުވެގެން 100 މީހުންނަށް އެތާގައި ރިމާންޑު ކުރެވޭ ގޮތަށް. މިކަމާ ބެހޭ އެންމެފަހުގެ ބައްދަލުވުން އަންނަ ހަފްތާގައި އޮންނާނެ،" އުމަރު ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމާ ގުޅޭގޮތުން މިނިސްޓަރު އުމަރު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ މިހާރަށްވުރެ ފުރިހަމަކޮށް އެތަންތަނުގެ މަސައްކަތް ކުރިއަށް ގެންދެވޭގޮތް ހެދުމަށް ކަމަށެވެ.
ޑްރަގް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ސަން ފޮޓޯ/ އަހްމަދު އާޒިފް
ރާއްޖޭގެ އަމަންއަމާންކަން ގާއިމް ކުރުމުގައި ޑްރަގް ކޯޓާއި ނޭޝަނަލް ޑްރަގް އެޖެންސީގެ މުހުންމު ދައުރެއްވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމަށް އެކަށީގެންވާ ހެޔޮބަދަލެއް އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.